ޚަބަރު

ކެޓް ޝެލްޓަރ ހަދަން ސިޓީ ކައުންސިލާ ބިން ހަވާލުކޮށްފި


  • ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއް ވެސް ހުޅުވާނެ

  • މިއީ ހަފުތާ 14ގައި ފަށަން ނިންމަވާފައިވާ ކަމެއް

މާލޭގެ މަގުމަތީގައި ބުޅާ ގިނަވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމަށް ހަދާ ކެޓް ޝެލްޓަރ ހަދަން ކަނޑައަޅާފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. އަދި ބިން ކަނޑައަޅައި އެ ބިން ހަވާލުކޮށްފައިވަނީ މިއަދުއެވެ.

މާލެ ސިޓީ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވާ ގޮތުގައި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް އެ ކައުންސިލާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު ޢާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއަށް ޖުމްލަ 18،000 އަކަފޫޓުގެ ބިމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކެޓް ޝެލްޓަރ ޤާއިމްވެގެން ދިއުމުން މާލެ ތެރޭގައި ބުޅާ ގިނަވާ މައްސަލައަށް ދާޢިމީ ޙައްލެއް ލިބިގެންދާނެ ކަމަށާއި އަމާޒަކީ ހަފްތާ14 ނިމުމުގެ ކުރިން ފެސިލިޓީ އަޅައި ޢާންމުންނަށް ހުޅުވާލުން ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިފަދަ ފެސިލިޓީތައް ޤާއިމްކުރުން ކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ފެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.