ޚަބަރު

ސަތޭކަ ގޮނޑީގެ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޖަލުގައި އޮންނެވި ޚާންގެ ޕީޓީއައި


ޕާކިސްތާނުގައި ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގައި މިހާތަނަށް ނަތީޖާ އިޢުލާނުކޮށްފައިވާ 100 އެއްހާ ގޮނޑީގެ ނަތީޖާއިން ކުރި ހޯއްދަވާފައި ވަނީ ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީންކަން ހާމަވެއްޖެއެވެ.

ވޯޓު ފޮށިތައް ހަވީރު 5 ޖެހިއިރު ބަންދުކޮށް ވޯޓު ގުނުމުގެ މަސައްކަތްތައް ފެށި ނަމަވެސް ނަތީޖާ އިޢުލާނު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. އެ ކަމަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ހުރަހަކީ އިންތިޚާބާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ނަމުގައި މޮބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތްތައް މެދުކަނޑައިލުމެވެ. ޕާކިސްތާނުގެ ޖިޔޯ ނިއުސް މީޑިޔާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 106 ގޮނޑިއެއްގެ ނަތިޖާ މިހާރު އިޢުލާނު ކޮށްފައިވާއިރު އޭގެ ތެރެއިން 47 ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އެ ކެނޑިޑޭޓުންނަކީ ޚާނާއި ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ބައިޢަތު ހިިފާފައިވާ ކެނޑިޑޭޓުންނެވެ.

ޕާކިސްތާނުގެ އިންތިޚާބާ ބެހޭ އިދާރާއިން މިހާތަނަށް ހާމަކޮށްފައި ވަނީ 70 ގޮނޑީގެ ނަތީޖާއެވެ. އޭގެ ތެރެއިން 24 ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އިންތިޚާބުގައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 265 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.

މިހާތަނަށް ނެރެފައިވާ ވަޤުތީ ނަތީޖާއިން ފެންނަ ގޮތުގައި ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީން ވަނީ 24 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޒަރްދާރީއަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރް ބުއްޓޫގެ ދަރިކަލުންނެެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް-ނަވާޒް ޕާޓީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ 18 ގޮނޑިއެވެ. ބައެއް ކުދި ޕާޓީތަކުން ވެސް މަދު ޢަދަދެއްގެ ގޮނޑިތައް ކާމިޔާބު ކޮށްފައިވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އިންތިޚާބުގައި ވަކި ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ނުލިބުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އެއީ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި އޮތް ޕާކިސްތާނަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. އެ ޤައުމަށް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ނުރައްކާ ވެސް ބޮޑެވެ. އިންތިޚާބުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް ހަތިޔާރު އެޅި ޖަމާޢަތަކުން ވަނީ ބޮމުގެ ޙަމަލާތަކެއްދީ 26 މީހުން މަރައިލާފައެވެ.

ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރު ޖަލުގައި އޮންނެވި ޚާނެވެ. އިންތިޚާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ޚާނާއި ޝަރީފްގެ ޕާޓީއެވެ. ޚާނަށް ފުލުފުލުގައި ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައި ވަނީ އިންތިޚާބުގެ ވޯޓުލުން ފެށުމަށް ހަފުތާއަކަށްވެފައި ވަނިކޮށެވެ. އެ ހުކުމްތަކުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.