ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-ނާޞިރު ހަސްފަތާލަށް ވަނުމަށް މަސައްކަތްކުރި ޢާންމުންގެ ބަޔަކަށް ސްނައިޕަރ ބަޑިން ޙަމަލާދީ, ޔަހޫދީ ސިފައިން އޭގެ ތެރެއިން 21 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނީ, ޔަހޫދީ ފައުޖުގެ ސިފައިން އަލް-ނާޞިރް ހަސްފަތާލު ވަށައިލާފައިވާ ކަމުގައެވެ. އަދި, އެ ތަނަށް ވަނުމަށް މަސައްކަތް ކުރާ, އަދި ނިކުންނަ ކޮންމެ މީހަކަށް ސްނައިޕަރ ބަޑިން ޙަމަލާ ދެމުންދާ ކަމުގައެވެ. މި ޙަމަލާތަކާ އެކު އެ ހަސްފަތާލް ހުންނަ ސަރަޙައްދު ވަނީ ނުރައްކާތެރި އަދި ބިރުވެރި ތަނަކަށް ބަދަލު ކޮށްލާފައެވެ.
ނޫސްވެރިންގެ މި ވާހަކަތައް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ވެސް ކަށަވަރު ކޮށްދެއެވެ. އެ ޖަމާޢަތްތަކުން ވެސް ބުނީ ޔަހޫދީ ފައުޖުން ޣައްޒާގެ ހަސްފަތާލުތަކަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އަދި, ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް ބަޑި ޖަހަމުންދާ ކަމުގައެވެ. އަދި, ހަސްފަތާލުތަކަށް ބަލިމީހުން އުފުލުމަށް މަސައްކަތް ކުރާ އެމްބިޔުލާންސްތަކާއި, އެ އުޅަނދުތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ.
"ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުން ހިމާޔަތާއި ރައްކާތެރި ކަން ލިބިދީފައިވާ ތަންތަން،" ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުންދާ ކަން ހާމަކޮށް ހިޔުމަން ރައިޓް ވޮޗުން ބުންޏެވެ.
ޚާން ޔޫނިސްގައި ތިބި ނޫސްވެރިން ބުނީ, މަގުތަކުގައި ތިބި ޢާންމު ރައްޔިތުންނަށް ޔަހޫދީ ސިފައިން ސްނައިޕަރ ބަޑިން ޙަމަލާދީ, އެ މީހުން ޝަހީދު ކުރަމުންދާ ކަމުގައެވެ. އަދި, އެ މީހުން ހަށިތައް ނަގައި, ހަސްފަތާލަށް ވައްދަން މަސައްކަތް ކުރާ މީހުންނަށް ޙަމަލާތައް އަމާޒުކޮށް, އެ މީހުން ވެސް ޝަހީދު ކުރަމުންދާ ކަމުގައެވެ. އަދި, ހަސްފަތާލުގެ ޓެރެހަށް އަރާ މީހުންނަށް އަމާޒުކޮށް ޑްރޯން ޙަމަލާތައް ދެމުންދާ ކަމުގައި ވެސް ޚާން ޔޫނިސްގައި ތިބި ނޫސްވެރިން ރިޕޯޓު ކުރެއެވެ.
ޚާން ޔޫނިސްގެ އަލް-ނާޞިރް ހަސްފަތާލުގެ އިތުރުން އަލް-ޢަމަލް ހަސްފަތާލު ވެސް ވަނީ ވަށައިލާފައެވެ. އަދި, އެ ތަނަށް ވެސް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ހަސްފަތާލުތަކުގައި ބަލި މީހުންގެ އިތުރުން ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެބަތިއްބެވެ. އެ މީހުން ހަސްފަތާލަށް ވަދެފައި ވަނީ, ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުން ރައްކާތެރި ކަން ހޯދުމަށެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ހަސްފަތާލަކަށް ވަނީ ގެއްލުންދީފައެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ, އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ އަލް-ޤުދުޞް ހަސްފަތާލަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އެ ޢިމާރާތުގެ ބޮޑު ބަޔެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އެ ތަނަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރު ބޭނުން ކޮށްގެންނެވެ.
"ޔަހޫދީ ފައުޖުން ދަނީ ރެޑް ކްރެސެންޓުގެ މައި މަރުކަޒާއި އުޅަނދުތަކަށް ވެސް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުން. ޢިމާރާތުގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފައި. ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ވަނީ ހަލާކު ކޮށްލާފައި،" ރެޑް ކްރެސެންޓުގެ ތަރުޖަމާނު ރާއިދް އަލް-ނަމްސް ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން, ޚާން ޔޫނިސްގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް ދަތުރު ކޮށްފައެވެ. އެއީ, މިޞްރާ އިންވެގެން އޮންނަ ރަށެކެވެ. އެ ރަށުގައި މި ވަގުތު 1.4 މިލިޔަނެއްހާ މީހުން އެބަތިއްބެވެ. އެ މީހުން ދިރިއުޅެމުން ދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން މިހާރު ދަނީ ރަފަޙަށް އެއްގަމު މަގުން އަރައި, ގަތުލުއާންމުތައް ހިންގައި, ފަލަސްޠީނުގެ އިތުރު ބަޔަކު ޝަހީދު ކޮށްލަން ތައްޔާރު ވަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ
ޢަދަދު މިހާރު ވަނީ 27,947 އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 67,000 އަށް އުފުލިފައެވެ. ހަސްފަތާލުތަކަށް ޙަމަލާދީ, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.