ޚަބަރު

މާލެ އިންޑަސްޓްރިއަލް ވިލެޖު ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ


  • މިއީ މާލޭގައި ހުރި ސިނާއީ މަސައްކަތްކުރާ ތަންތަން ބަދަލުކުރުމަށް ހިއްކި ސަރަޙައްދެއް

  • 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

  • އެތަން މިހާތަނަށް ވެސް ތަރައްޤީކޮށް ބޭނުންކުރަން ފަށާފައެއް ނުވޭ

ކުރިން އޮތް ވިސްނުމާ އެއްގޮތަށް މާލޭ އިންޑަސްޓްރިއަލް ވިލެޖު ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވިއެވެ.

މާލެ ތެރޭގައި ހުރި ސިނާޢީ ވިޔަފާރި ކުރާ ތަންތަން މީހުން ދިރިއުޅޭ ސަރަޙަދުން ދުރަށް ގެންދިއުމަށް މާލޭގައި އިންޑަސްޓްރިއަލް ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެއްޓެވީ 2016ވަނަ އަހަރުގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައެވެ. އެ މަސައްކަތަށް މާލޭގެ ހުޅަނގުކޮޅުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ޕްލޭންތަކަކާއެކު އެ ތަނުގައި ޕްރީފެބްރިކޭޓެޑް ޢިމާރާތަކެއް ހަދާ އެ ތަންތަން ކުއްޔަށް ދީގެން ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމަށް އޭރުގެ ސަރުކާރުން ވެސް މަޝްވަރާކޮށްފައި އޮތީ އެމްޕީއެލްއާއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވުމުން މަސައްކަތްތައް ހުއްޓި މިހާތަނަށް ވެސް އެ ސަރަޙައްދު އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

އިންޑަސްޓްރިއަލް ވިލެޖު މިހާރު ބޭނުން ކުރަނީ ވެމްކޯ ކުނި މެނޭޖްކުރުމާއި ފިއުލްޝެޑް އަދި އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓް ހިންގުމަށެވެ. ބާކީ ހުރި ބިންތައް ހުރީ އެއްވެސް ޕްލޭނެއް ނެތި ދޫކޮށްލާފައެވެ. މީގެ ތެރެއިން ބައެއް ބިންތައް އެކި މަސައްކަތްތަކަށް ކުއްޔަށް ވެސް ދޫކޮށްފައި އެބަހުއްޓެވެ.

އިންޑަސްޓްރީއަލް ވިލެޖު މިހާރު ސިފަވަނީ ކުނިގޮނޑެއްގެ ގޮތުގައެވެ. ދޫކޮށްލާފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ގޭގެއިން އުކާލާ ފަރުނީޗަރާއި ކުނި ފަދަ ތަކެއްޗާއެކު މުޅި ސަރަޙައްދު އޮތީ ގޮނޑަކަށްވެފައެވެ. އިންޑަސްޓްރީއަލް ވިލެޖުގެ ޕްލޭނާއި އެއްގޮތަށް އެތަން ތަރައްޤީ ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްފައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ރައީސްއާއެކު ބޭއްވި ބައްދަލުވުމެއްގައި އަލުން އެ މަސައްކަތް ފެށުމަށް މަޝްވަރާ ކުރައްވާފައިވާކަމަށެވެ. ވަޖީހު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި އެތަން ފޮތިފޮތިކޮށް ބިންތައް އެކި ފަރާތްތަކަށް ބަހަފައިވާ ކަމަށެވެ. އެ ކަންކަން ބަލައި ވީހާވެސް އަވަހަށް އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.

"އެތަނުގައި ސްޓޭރޯޖް، ގަރާޖު، ވޯކްޝޮޕް، ލަކުޑި މަސައްކަތާއި އެކިކަހަލަ ވޯކްޝޮޕްތައް ހެދުމަށް ބިން ދޫކުރަނަން. ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި މިފަދަ ތަންތަން ބަދަލުކުރެވުނީމަ، ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނީ." އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވަޖީހު ވިދާޅުވިއެވެ. 2018 ވަނަ އަހަރު އެ ކަމުގައި އެމްޕީއެލްއާއެކު މަސައްކަތް ކުރި ކޮންޓްރެކްޓަރު ވެސް ހުރީ ޕްރޮޖެކްޓް އަލުން ކުރިއަށްގެންދިއުމުގައި އެހީތެރިކަން ދޭން ތައްޔާރަށް ކަމަށް އޭނާ ފިދާޅުވިއެވެ.

މާލެ ތެރޭގައި ގުދަން ކުރުމާއި ވޯކްޝޮޕްތައް ހިންގުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތިވެއެވެ. އެ ގޮތުން އަޑުގަދަވުމާއި ކުނޑި އެރުމާއި ތޮއްޖެހުމާއި ސިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. އަދި އެކި ކަހަލަ ނުރައްކާތެރި ޙާދިޘާތައް ވެސް ވޯކްޝޮޕްތަކާއި ގަރާޖުތަކުގައި ހިނގާފައިވެއެވެ.