ޚަބަރު

ޢުދުވާންތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރާއެކު ރަފަޙް ހާސްކަމުގެ ތެރެއަށް


ޔަހޫދީ ފައުޖުގެ ސިފައިން އެއްގަމު މަގުން ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު އެ ރަށުގައި ތިބި 1.4 މިލިޔަނެއްހާ މީހުން ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. ރަފަޙްގައި ތިބި ގިނަ މީހުންނަކީ, ޣައްޒާގެ އުތުރުގައި ޔަހޫދީ ފައުޖުން ހިންގި ޢުދުވާނުން ސަލާމަތް ވާން އެ ރަށަށް ހިޖުރަ ކުރި ރެފިއުޖީންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް އަރާނެ ކަމުގެ އިންޒާރު ދީފައި މި ވަނީ, ޢައްޒާގެ އުތުރާއި މެދުތެރޭ ރަށްތަކުގެ އިތުރުން ދެކުނުގައި ރަފަޙާ އިންވެގެން އޮތް ޚާން ޔޫނިސް ވެސް ސުުންނާފަތި ކޮށްލުމަށް ފަހުއެވެ. ރަފަޙަށް އެރުމުގެ ކުރިން, އެ ރަށުގައި ތިބި ޢާންމުން އެ ރަށުން ބޭލުމަށް ޔަހޫދީ ފައުުޖުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް, އެއީ ކުޅަދާނެ ކަމެއް ނޫން ކަމުގައި ޣައްޒާގައި ހަރަކާތްތެރިވާ އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއި އެހީދޭ ޖަމާޢަތްތަކުން ބުނީ ޔަހޫދީ ފައުޖުން ރަފަޙަށް އަރައިފި ނަމަ, އެތަކެއް ހާސް ބެޔަކު ޝަހީދުވާނެ ކަމުގައެވެ. އދގެ އިދާރާއިން ބުނީ, ޔަހޫދީ ފައުޖުގެ އިންޒާރާ އެކު, ރަފަޙްގައި ތިބި މީހުން ހާސް ކަމާއި ބިރުވެރި ކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމުގައެވެ. ހަދާނެ ގޮތް ހުސްވެފައިވާ ކަމުގައެވެ. ރަފަޙް ދޫކޮށް ދާނެ އިތުރު ތަނެއް ޣައްޒާގައި ނެތް ކަމުގައި ވެސް އެ ޖަމާޢަތްތަކުން ބުންޏެވެ.

ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ, ރަފަޙަށް އެރުމަށް ޔަހޫދީ ފައުޖަށް އަމުރު ކޮށްފައި ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައުލުމާ ގުޅޭ ގޮތުން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެކުލަވައިލި އެއްބަސްވުމަކަށް ނޫނެކޭ ބުނުމަށް ފަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ވެސް ޙަމާސުން ވަނީ ނިންމާފައެވެ.

ރަފަޙަށް ޔަހޫދީ ސިފައިން އަރާނެ ކަމުގެ އިންޒާރު ދިނުމުން އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށް, އެ ކަމަށް ތާޢީދު ނުކުރާނެ ކަމަށް ބުނެފައެވެ. ވޮޝިންގޓަނުން ބުނީ, ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ފުރާނަ ރައްކާތެރި ނުކުރެވޭ ނަމަ, ޔަހޫދީން ރަފަޙަށް އަރައި ޢުދުވާންތައް ފުޅާ ކުރަން އެއްބާރުލުން ނުދޭނެ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ މުޅި ޢުދުވާން ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ރަފަޙުގައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, އެ ރަށުގައި ހާލުގައި ޖެހިފައިވާ 1.4 މިލިޔަނަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ވެސް ފޯރުކޮށްދެމުން ނުދާ ކަމުގައި އެހީދޭ ޖަމުޢިއްޔާތަކާއި, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ބުނެއެވެ.

އދން ވެސް ވަނީ ރަފަޙަށް އެރުމާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި, އެ ރަށުގައި ތިބި ފަލަސްޠީނުގެ ޢާންމުން އެ ރަށުން ގަދަބާރުން ބޭލުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލަކަށް ވާނެ ކަމުގައި އދން ބުންޏެވެ. "މި ވަގުތު ރަފަޙަކީ ބޮޑު ރެފިއުޖީ ކޭމްޕެއް. މި ތަނަށް އަރައި ހަނގުރާމަ ކުުރުމުގެ ފުރުޞަތު ދީގެން ނުވާނެ،" ނޯވީޖިޔަން ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ-ޖެނެރަލް ޔާން އެގެލަންޑް ވިދާޅުވިއެވެ.

"ޔަހޫދީންގެ ރަފަޙަށް އެރުމުގެ ރޭވުމާ އެކު, މުޅި ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުން ގެއްލޭނެ. މުޅި ދުނިޔޭގެ ހަމަޖެހުން ގެއްލޭނެ. މިއީ, ހުރިހާ ރަތް ރޮނގެއް ހުރަސް ކުރާ އަމަލަކަށް ވާނެ،" ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ސަރުކާރުން ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 28,000 އަށް އެރުމާ ގާތްވެފައިވާއިރު, ރަފަޙަށް ޢުދުވާންތައް ފުޅާކޮށްފި ނަމަ, މި ޢަދަދު އެތަކެއް ގުނައަކަށް އިތުރުވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޔަހޫދީ ފައުޖުން ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 67,000 އަށް އުފުލިފައެވެ.