ޚަބަރު

ޔޫކްރެއިންގެ ހަރްކިވަށް ޑްރޯން ޙަމަލާތަކެއްދީ ހަތް މީހުން މަރައިލައިފި


ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް, ހަރްކިވަަށް ރަޝިޔާއިން ދިން ޑްރޯން ޙަމަލާތަކެއްގައި ޢާންމުންގެ ހަތް މީހުން މަރުވެއްޖެއެވެ. ޔޫކްރެއިނުން ބުނީ, ޢާންމުން ދިރިއުޅޭ ގެދޮރަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ. އަދި, މި ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެއްގައި އަލިފާން ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ.

ހަރްކިވްގެ ސަރަޙައްދީ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ ރަޝިޔާގެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ 15 ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައެވެ. އަދި, ގިނަ ޢިމާރާތްތަކުގައި އަލިފާން ރޯވި ކަމުގައެވެ. މި ޙަމަލާތަކުގައި މަރުވީ އުމުރުން ހަތް އަހަރާއި, ތިން އަހަރާއި ހަ މަހުގެ ތުއްތު ކުއްޖެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޙަމަލާތަކުގައި އިތުރު ތިން މީހުން ޒަޚަމުވިއެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, އެ ސަރަހައްދަށް ޙަމަލާ ދޭން ރަޝިޔާއިން 31 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން 23 ޑްރޯން ދިފާޢުކޮށް, ވައްޓައިލެވުނު ކަމުގައެވެ. ހަރްކިވްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮތް ބަނދަރުމަތީ ރަށް, އޮދެއްސާއަށް ވެސް ރަޝިޔާއިން ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އޮދެއްސާއަށް ދިން ޙަމަލާގައި އެކަކު ޒަޚަމުވިއެވެ.

ހަރްކިވަށް ދީފައިވާ ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ޢިމާރާތްތަކުގެ އިތުރުން, ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ގިނަ ގަޑިއިރުތަކެއްގެ މަަސައްކަތުން ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. މި ޙަމަލާތަކާ ގުޅޭ ގޮތުން ރަޝިޔާއިން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް, ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ގެތަކާއި ޢިމާރާތްތަކަށް ޙަމަލާތައް އަމާޒު ކުރާ ކަމަށް ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާގެ ފައުޖުން ފެށި ހަނގުރާމައިގައި, ޔޫކްރެއިންގެ ބިމުގެ 18 އިންސައްތައަށް ވަނީ އަތްގަދަ ކޮށްފައެވެ. މިއީ, ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ކުރާ މި ފަދަ އެންމެ ބޮޑު ހަނގުރާމައެވެ. ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަކީ, އެ ޤައުމުގެ ބަޔެއްގެ ގޮތުގައި ދެކުނު ނަމަވެސް, ޔޫކްރެއިނުން ބުނަނީ ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރާނެ ކަމުގައެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. ނަމަވެސް, މި ކެމްޕޭންގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.