ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމް ހަމަޖައްސަނީ


  • ފްލެޓް ދިނުމަށް ބޭނުންވާ ޤާނޫނީލަފާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން

  • މައްސަލަ ނެތް ފޯމުތަކުގެ ލިސްޓެއް އޭސީސީންވަނީ މިނިސްޓްރީއަށް ދެއްވާފައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދިޔަ ތަޙުގީގަށްފަހު އިތުރު މައްސަލައެއް ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ބުރާސްފަތި ދުވަހު މިނިސްޓްރީއަށް ލިބފައިވާކަމަށެވެ. އެހެންނަމަވެސް މިއީ ތަޙުގީގުގެ ބޭނުމަށް ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓަކަށްވުމާއެކު މިކަމުގައި ކުރިއަށްދާން ވީގޮތުގެ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މައްސަލަ ނެތް ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ހުއްދަ އޭސީސީން ދީފައިވާއިރު ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވާކަމަށް އޭސީސީގެ ތަޙުގީގުންވަނީ ހާމަވެފައެވެ. އަދި ޝަރުޠު ހަމަވާކަމަށް ފާހަގަކުރެވުނީ 20.7 އިންސައްތަ ފޯމުކަމަށްވެސް އެކޮމިޝަނުގެ ތަޙުގީގުންވަނީ ހާމަވެފައެވެ.

ފްލެޓާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުގީގަށްފަހު 5 ކަމަކަށް ރިޢާޔަތްކޮށްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް އޭސީސީންވަނީ ލަފާދެއްވާފައެވެ. އެހެންނަމަވެސް މައްސަލަ ހުރި 60 އިންސައްތަ ފޯމުތަކާމެދު އަދި ވަކިގޮތެއް ނުނިންމައެވެ.