ޚަބަރު

އިމްރާން ޚާންގެ ޕީޓީއައިން މުޒާހަރާތަކަށް ގޮވައިލައިފި


ފެބުރުވަރީ 8 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުން ލަސްކުރާ ނަމަ ޞުލްޙަވެރި މުޒާހަރާތަކާ އެކު މަގުތައް ފުރައިލާނެ ކަމަށް ބުނެ ޖަލުގައި އޮންނެވި އިމްރާން ޚާންގެ ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން އިންޒާރު ދީފިއެވެ. އެ ޕާޓީގެ ޗެއަރމަން އަދި އިމްރާން ޚާންގެ ޤާނޫނީ ވަކީލު ކަން ވެސް ކުރައްވާ ގޯހަރް ޚާން ވިދާޅުވީ އިންތިޚާބުގައި ލިބުުނު ކާމިޔާބީއާ އެކު އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ޕީޓީއައިން އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅުގައި އިމްރާން ޚާންގެ އެންމެ ބޮޑު ވާދަވެރިޔާ އަދި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެނު)ން ވަނީ އިންތިޚާބުގައި ކާމިޔާބީ ލިބިފައި ވަނީ އެ ޕާޓީއަށް ކަމަށް ބުނެފައެވެ. އަދި ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަން އެ ޕާޓީން ވެސް ވަނީ އިޢުލާނު ކޮށްފައެވެ.

241 މިލިޔަން މީހުން ވޯޓުލި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އިންތިޚާބުގެ ވަޤުތީ ނަތީޖާއިން ފެންނަ ގޮތުގައި މިނިވަން ކެނޑިޑޭޓުން ވަނީ 100 ގޮނޑި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން 90 ކެނޑިޑޭޓުންނަކީ އިމްރާން ޚާންގެ ޕީޓީއައިގެ މެންބަރުންނެވެ. ޚާނަށް ބައިޢަތު ހިފާފައިވާ ކެނޑިޑޭޓުންނެވެ. ޝަރީފްގެ ޕީއެމްއެލްއެނަށް ލިބުނީ 72 ގޮނޑިއެވެ.

އިންތިޚާބުގައި ޕީޓީއައިއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވަމުން ގޯހަރް ޚާން ވަނީ އިންތިޚާބުުގެ ނަތީޖާއަށް އިޙުތިރާމު ކުރުމަށް ސަރުކާރާއި ދަޢުލަތުގެ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިންތިޚާބީ ކޮމިޝަނުން ރަސްމީ ނަތީޖާ އިޢުލާނު ކުރުން ލަސްކުރާ ނަމަ ސަރުކާރުގެ އޮފީސްތައް ކައިރީގައި ޕީޓީއައިން ބޮޑެތި މުޒާހަރާތަކެއް ބާއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާގެ ގޮވައިލުމާ އެކު ޕީޓީއައިއަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު ވަނީ ހުޅަނގުއުތުރުގައި އޮންނަ ޕިޝާވަރުގެ މަގުތައް ފުރައިލާ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ގޮވައިލާ އަޑުއުފުލަން ފަށާފައެވެ. އެ މީހުން ދަނީ ސަރުކާރުން ވޯޓުގެ ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރަމުންނެވެ.

މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޕީޓީއައިގެ ކެނޑިޑޭޓުން ވާދަ ކުރައްވާފައި ވަނީ ސަރުކާރުން އެ ޕާޓީއަށް ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެންނެވެ. އިންތިޚާބު ފެށެން ހަފުތާއަކަށްވެފައި ވަނިކޮށް ޚާނާ ދެކޮޅަށް ވެސް ކޯޓުން ވަނީ ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައެވެ. އޭނާ މިހާރު ވެސް އޮންނެވީ ޖަލުގައެވެ. އޭނާއާ ދެކޮޅަށް ހުކުމް ކޮށްފައި ވަނީ ދަޢުލަތުގެ ސިއްރުތައް ހާމަކުރުމާއި, ޚިޔާނާތުގެ ކުށުގެ ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ.

އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީންނެވެ. ޒަރްދާރީއަކީ އަވަހާރަ ކޮށްލާފައިވާ ބޮޑުވަޒީރު ބޭނަޒީރް ބުއްޓޫގެ ދަރިކަލުންނެެވެ. އޭނާގެ ޕާޓީން 53 ގޮނޑި ކާމިޔާބު ކުރިއެވެ. ޤާނޫނު ހަދާ މަޖިލީހުގެ 265 ގޮނޑީގެ ތެރެއިން ބާކީ ހުރި ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ ކުދި ޕާޓީތަކުންނެވެ.

ޕާކިސްތާނުގެ ސިޔާސީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން މިނިވަން ކެނޑިޑޭޓުންނަށް ސަރުކާރެއް އެކުލަވައިލައި ވެރިކަން ކުރުމުގެ ފުރުޞަތެއް ނޯވެއެވެ. މިނިވަން ކެނޑިޑޭޓުންނަށް ސަރުކާރުގައި ބައިވެރިވެވޭނީ ސިޔާސީ ޕާޓީއަކާ ގުޅިގެން, ނުވަތަ ސިޔާސީ ޕާޓީއަކުން އެކުލަވައިލާ ގުޅިފައިވާ ސަރުކާރަކާ ގުޅިގެންނެވެ. އިންތިޚާބުގައި ކާމިޔާބީ ލިބުނު މިނިވަން ކެނޑިޑޭޓުން ވަރަށް އަވަހަށް ޕީޓީއައިއާ ގުޅޭނެ ކަމުގައި އެ ޕާޓީން ބުނެއެެވެ.

ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބާ ގުޅޭ ގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ވިލާތުގެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ އިންތިޚާބުގެ ހަމަހަމަ ކަމާއި ބައިވެރިވުމުގެ ފުރުޞަތު ހަނިކޮށްފައިވާ ކަމުގެ ޝަކުވާތައް ގިނަވުމުން ސުވާލުތަކެއް އުފެދިފައިވާ ކަމުގައެވެ. އެ ތުހުމަތުތަކަށް ރައްދު ދެމުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިނިވަން ކަމާއި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ.