ޚަބަރު

އެއްވެސް ފްލެޓް ލިސްޓެއް ބާތިލެއް ނުކުރާނެ: މިނިސްޓްރީ


  • ފްލެޓް ލިސްޓުގެ މައްސަލަ އޭސީސީން ދަނީ ބަލަމުން

  • 60% ޝަރުތު ހަމަނުވާކަމަށް އޭސީސީގެ ތަޙުޤީޤަށް އެނގިފައިވޭ

  • މައްސަލަނެތް ފޯމުތަކުގެ ލިސްޓް އޭސީސީންވަނީ ވުޒާރާއަށް ހުށައަޅާފައި

ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ލިސްޓެއް ބާތިލުނުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީން ދީފައިވާ ލަފައާއެކު ފްލެޓް ލިސްޓް އުވާލަން ސަރުކާރުން އުޅޭކަމަށް އާއްމުންގެ ތެރޭގައި ދަނީ ވާހަކަ ފެތުރެމުންނެވެ. އަދި ގިނަބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާއްމުންގެ ޝަކުވާތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާން ޢަބްދުލްމުހައިމިން ވިދާޅުވީ، ސަރުކާރުގެ ސްކީމެއްގެ ތެރެއިން ފްލެޓް ދޭން ކަނޑައަޅާފައި އޮތް އެއްވެސް ލިސްޓެއް އުވާނުލާނެކަމަށެވެ. މިކަން އެވުޒާރާއިން ނެރެފައިވާ ބަޔާންތަކުގައިވެސް އޮޅުންފިލުވައިދީފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުގެ މައްސަލަ އޭސީސީން ބަލަމުންދާތީ، ފްލެޓް ދިނުމުގައި އޭސީސީގެ ލަފައަށް ޢަމަލުކުރައްވާނެކަމަށެވެ. ނަމަވެސް ސަރުކާރުން އެއްވެސް ލިސްޓެއް ބާތިލު ނުކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ނިމުނު ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމްގައި، ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ނެރުނީ ދަޢުރު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. އަދި ފްލެޓް ގުރުއަތު ނެގުމާއި ލިޔުން ހަވާލުކުރުމުގެ މަސައްކަތްވެސް އިންތިޚާބަށް 24 ގަޑިއިރަށްވެފައި ވަނިކޮށްވެސް ކުރިއަށްގެންދިޔައެވެ.

އެކަން ކުރުމުގައި އޭސީސީން ދިން އިރުޝާދަށް ކުރީގެ ހައުސިންގ މިނިސްޓްރީން ޢަމަލު ނުކުރުމުގެ ސަބަބުން، ފްލެޓް ދިނުމުގެ ކަންކަން ދެވަނަ ފަހަރަށް މެދުކަނޑާލުމަށް އޭސީސީން އެމިނިސްޓްރީއަށް އެންގީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އޭސީސީގެ ތަޙުޤީޤަށްފަހު މި މަސައްކަތް އަލުން ކުރިއަށްގެންދިއުމުގެ ހުއްދަ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ދެއްވާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް އެވުޒާރާއަށް އޭސީސީން ވަނީ އަންގަވާފައެވެ.

އޭސީސީގެ ތަޙުޤީޤަށް ހާމަވި ކަންކަންވެސް އެ ކޮމިޝަނުން ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ %59.6 މީހުންނަކީ ޝަރުތު ހަމަ ނުވާ މީހުންނެވެ. އަދި %19.7 ފޯމަކީ ޝަރުތު ހަމަވި ނަމަވެސް ބައެއް އެހެން މައްސަލަތައް ހުރި ފޯމުތައް ކަމަށާއި ޝަރުތުހަމަވާ ފޯމުގެ ގޮތުގައި ފާހަގަކުރެވުނީ %20.7 ފޯމު ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

ބައެއް ފޯމުތަކަށް ގަސްތުގައި އޮޅުވާލައިގެން މަރކްސް ދީފައި ހުރިކަން ސާބިތުވާ ހެކި ހުރިކަމަށްވެސް އޭސީސީން ހާމަކުރައްވާފައިވެއެވެ. އެހެންކަމުން މިހާރު އޮތްގޮތަށް ފްލެޓް ދޫކޮށްފިނަމަ، ގިނަ ފަރާތްތަކެއްގެ ޙައްޤު ގެއްލުމުގެ އިހުމާލު އޮތުމާއި ގުޅިގެން އެފަދަ ފޯމުތައް އިތުރަށް ރިވިއުކޮށް ޔަގީންކުރުމަށް ވަނީ އަންގަވާފައެވެ.

ފޯމުތަކުގެ ތެރެއިން މައްސަލައެއް ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ބުރާސްފަތި ދުވަހު އޭސީސީން ވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ފޮނުވާއެވެ. މިއީ ތަޙުގީގުގެ ބޭނުމަށް ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓަކަށްވުމާއެކު މިކަމުގައި ކުރިއަށްދާން ވީގޮތުގެ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ބަންޑާރަ ނައިބާއި އަދި އޭސީސީގެ ލަފާ މިކަމުގައި ހޯދަމުންދާކަމަށް ވިދާޅުވިއެވެ.

އޭސީސީން މިހާތަނަށް އަންގަވާފައިވާގޮތަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމުން 20،697 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާ، ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިންގ މިނިސްޓްރީން އާއްމުކުރެއްވީ 8 އޯގަސްޓް 2023 ގައެވެ.