އެމްޕީއެލްގެ ފްލެޓްތަކަށް ކުލި ނެގުން ފަސްކޮށް، ދައްކަންޖެހޭ ކުލި ކުޑަކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވެސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލް ހިޔާ ފްލެޓްގެ މަސައްކަތް ފެށީ 2018ވަނަ އަހަރުއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މަސައްކަތްކުރީ ކުންފުންޏާއި ހަވާލުވެ ދެ މަސްތެރޭގައި މުހިންމު ހުރިހާ މަސައްކަތްތައް ނިންމާ މުވައްޒަފުން ފްލެޓްތަކަށް ވެއްދުމަށްކަމަށެވެ. ވަޖީހު ވިދާޅުވީ ބައެއް މަސައްކަތްތައް ކޮންޓްރެކްޓްކޮށްފައި ހުރި ގޮތުން ފްލެޓްތަކުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅެވޭ ވަރަށް މަސައްކަތް ނިމުނު ފްލެޓްތަކަށް މިހާރު އާއިލާތަކުން ބަދަލުވާން ފަށާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ސަތޭކައެއްހާ އާއިލާ މިހާރު ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މަސައްކަތްތައް ލަސްވަނީ ކުރީގެ މެނޭޖުމަންޓުން މަސައްކަތްތައް ކޮންޓްރެކްޓްކުރުމުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އައު މެނޭޖްމަންޓް ހަވާލުވެ، މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލާ އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. ނުނިމު ހުރީ ފިނިޝިންގެ ބައެއް މަސައްކަތްތައް ކަމަށާއި، އެކަންކަން ނިންމާ މުޅި ޕްރޮޖެކްޓް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ފްލެޓްތައް ލަސްވެ މުވައްޒަފުންނަށް ކުރިމަތިވި ދަތިތަކުގެ ބަދަލެއްގެ ގޮތުން ކުލި ކުޑަކޮށް، ކުލި ދައްކަން ފަށަންޖެހޭ މުއްދަތު ފަސްކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. ކުރިން ނިންމަފާއި އޮތް ގޮތުން އޭޕްރިލް މަހުން ފަށައިގެން ކުލި ދައްކަން ފަށަން ޖެހެއެވެ.
"ސުވާލު އެބަކުރޭ ކުލި ނަގަން ފަށާނެ ދުވަހަކާމެދު. މުވައްޒަފުންނަށް ދޭ ޔަގީންކަމަކީ، ފްލެޓަށް މީހުން ވަދެ ހަމަޖެހި ނިމުނީމަ ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން. އަދި މިހާރުގެ ކުއްޔަށްވުރެ ކުލިވެސް ކުޑަކޮށްދޭނަން." އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލް ފްލެޓްގައި ހިމެނެނީ 534 އެޕާޓްމަންޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓް ހިމެނެއެވެ. 4 ބާވަތެއްގެ އެޕާޓްމަންޓް ހިމެނޭއިރު، އަގުތައް އުޅެނީ 3700އާއި 8000އާއި ދެމެދުގައެވެ.