ޚަބަރު

67 މީހުން ޝަހީދު ކޮށްލުމަށްފަހު ދެ އަސީރުން މިނިވަންކޮށްފި


ފަލަސްޠީނުގެ ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއްދީ 67 މީހުން ޝަހީދު ކޮށްލުމަށްފަހު, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ދެ މީހަކު މިނިވަންކޮށްފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, 1.4 މިލިޔަނަށް ވުރެ ގިނަ ޢަދަދެއްގެ މީހުން ޖަމާވެފައިވާ ރަފަޙަށެވެ. އެއީ, މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި, އެންމެ ދެކުނުން އޮންނަ ރަށެވެ.

ޔަހޫދީ އަސްކަރިއްޔާގެ 'ޝަ ބާކް' ފައުޖުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސަލާމަތް ކޮށްފައި ވަނީ އުމުރުން 60 އަހަރާއި 70 އަހަރުގެ ދެ އަސީރުންނެވެ. އެއީ, އާޖެންޓީނާ ދަރިކޮޅަށް ނިސްބަތްވާ ދެ ޔަހޫދީންނެވެ. އެ ދެ މީހުން ސަލާމަތް ކުރުމުގެ ނަމުގައި ޔަހޫދީ ފައުޖުން ރަފަޙަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 67 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 28,340 އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 67,984 އަށް އަރައެވެ. މި ޢުދުވާންތައް ހިންގަމުން މި ދަނީ, އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ޙަމަލާތަކަށް ފަހު, ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމުގެ ނަމުގައެވެ. ނަމަވެސް, ޣައްޒާއަށް ޔަހޫދީން ދެމުންދާ ނުރައްކާތެރި ޙަމަލާތަކުގައި އަސީރުންގެ ތެރެއިން 31 މީހުން މިހާރު ވަނީ މަރުވެފައެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް އެންމެ ފަހުން ދިން ޙަމަލާތަކުގައި ދެ މިސްކިތެއް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު, ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. "އަޅުގަނޑުމެން މި ދަނީ ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކުގެ ބައިތައް ހޯދަން މަސައްކަތް ކުރަމުން،" ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ މީހަކު ބުންޏެވެ.

ރަފަޙްގައި ދިރިއުޅޭ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރުގެ އިތުރުން މަނަވަރުތަކުން ވެސް އެ ރަށަށް ޙަމަލާތައް ދެމުންދާ ކަމުގައެވެ. އެ ރަށަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, އެއްގަމު މަގުން އެ ރަށަށް އަރައި, ލާއިންސާނީ ޢުދުވާންތައް ފުޅާ ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހުއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ފުޅާ ކުރަމުންދާތީ ބައެއް ހުޅަނގުގެ ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި ގޮތުން, އިނގިރޭސިވިލާތުން ވަނީ ރަފަޙަށް ޙަމަލާ ދިނުމުގެ ބަދަލުގައި ޢުދުވާންތައް ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލާ, އެ އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ.

"ރަފަޙުގައި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ބަޔަކު ތިބި ދަނޑިވަޅެއްގައި އެ ތަނުގައި ހަނގުރާމައެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެ މީހުން ދާނެ ވަކި އިތުރު ތަނެއް ނެތް،" އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ, ރަފަޙަށް އެއްގަމު މަގުން އެރުމުގެ ކުރިން, އެ ރަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.

އެހީދޭ ޖަމާޢަތްތަކުން ބުނީ, ރަފަޙަށް އެރުމަކީ ފަލަސްޠީނުގެ އެތަކެއް ހާސް ބަޔެއްގެ ފުރާނައަށް ނުރައްކާވާނެ އަމަލެއް ކަމުގައެވެ. ޔަހޫދީ ފައުޖުން ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކޮށްފި ނަމަ, އެ ރަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިޞްރަށް އެތެރެވާން މަސައްކަތް ކޮށްފާނެ ކަމަށް ބަލައި, މިޞްރުން ވަނީ ރަފަޙާ ގުޅޭ ސަރަޙައްދީ ހުރަސް ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.