ޔަހޫދީ އިސްތިޢުމާރީ ފައުޖުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ޢާންމުންގެ ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ޞަވާނާއާއި އަދްޝީތާއަށެވެ. އެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި, އިތުރު ނުވަ މީހަކު ވަނީ ޒަޚަމު ކޮށްލާފައެވެ.
ލުބުނާނުގެ ސަލާމަތީ ބާރުން ބުނީ އަދްޝީތަށް ޔަހޫދީ ސިފައިން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެއަކަށް ކަމުގައެވެ. އަދި, އެ ޙަމަލާތަކުގައި އަންހެނަކާއި އޭނާގެ ދެ ދަރިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ހަތަރު ވަނަ މީހާ ޝަހީދުވީ ޞަވާނާއަށް ދިން ޙަމަލާތަކުގައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ ސަރަޙައްދީ ރޮނގާ ގާތްގަނޑަކަށް 10އަކާއި 25 ކިލޯމީޓަރު ދުރުގައި އޮތް ރަށްތަކަށެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޞަވާނާއާއި އަދްޝީތާގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުން ދައްކުވައިދޭ ވީޑިޔޯތައް ލުބުނާނުން ވަނީ ޢާންމު ކޮށްފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ހިންގަން ފެށުމުން ލުބުނާނުގެ ޙިޒްބުالله ޖަމާޢަތާއި ޔަހޫދީ ފައުޖާ ދެމެދު ވެސް ވަނީ ޙަމަލާތައް ބަދަލު ކުރަން ފަށާފައެވެ. އެ ޙަމަލާތަކުގައި ލުބުނާންގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 245އަށް އުފުލިފައެވެ. އޭގެ ތެރޭގައި ޙިޒްބުالله ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން ހިމެނެއެވެ. ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ސިފައިންގެ ނުވަ މީހުން މަރައިލާފައެވެ. އަދި, ޔަހޫދީ ޢާންމުންގެ ހަ މީހުން މަރައިލާފައެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް ދީފައިވާ ދަނޑިވަޅުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ދަޢުލަތުގެ އުތުރުގައި އޮތް ސްފާތަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފައެވެ. ޙިޒްބުاللهގެ ޙަމަލާތަކުގައި ޔަހޫދީންގެ އެކަކު މަރުވެ, އިތުރު އަށް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔަހޫދީ ނޫސްތަކުން ބުނެއެވެ. ޒަޚަމު ކޮށްލާފައިވާ އެކަކުގެ ހާލު ގޯސް ކަމުގައި ވެސް ޔަހޫދީ ނޫސްތަކުން ބުނެއެވެ.
ލުބުނާނުގެ ދެކުނުގައި އޮންނަ ރަށްތަކުގައި ތިބި ހަނގުރާމަވެރިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ އުތުރުގެ ރަށްތަކުގައި އޮންނަ އަސްކަރީ މަރުކަޒުތަކަށެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން, ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކުގައި ދިރިއުޅުނު އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ލުބުނާނާއި ޔަހޫދީ ފައުޖާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައި ވަނީ އެ ފަދަ ޙަމަލާތައް ހުއްޓުމަކަށް ގެނައުމާ މެދު އެމެރިކާއާއި އީރާނުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ލުބުނާންގައި ޙަރަކާތްތެރިވާ ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ އަދި އެ ޤައުމުން އެކުލަވައިލާފައިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ބައިވެރިވާ ޖަމާޢަތެކެވެ.