ޚަބަރު

ދުނިޔޭގެ ގޮވައިލުންތަކަށް ގޮންޖަހައި ރަފަޙުގައި ޢުދުވާން ފުޅާ ކުރާނެ ކަމަށް ޔަހޫދީން ބުނެފި


ކުރިން އިޢުލާނު ކޮށްފައިވާ ގޮތަށް, ޣައްޒާގެ ރަފަޙަށް އެއްގަމު މަގުން އަރައި ލާއިންސާނީ ޢުދުވާންތައް ފުޅާ ކުރާނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޒަޔަނިސްޓު އިސްރާޢީލުގެ ޖަައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ މި ކަން އިޢުލާނު ކޮށްފައި މި ވަނީ, ރަފަޙަށް ޢުދުވާންތައް ފުޅާކޮށްފި ނަމަ, އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ޢުދުވާންތައް ފުޅާ ކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި, ރަފަޙަށް ނޭރުމަށް ޔަހޫދީ ފައުޖަށް ގޮވައިލަމުންނެވެ. ރަފަޙުގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނަށް ވުރެ ގިނަ މީހުން އެބަތިއްބެއެވެ. އެއީ, ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުން ސަލާމަތްވާން, އެ ރަށަށް ދަތުރު ކޮށްފައިވާ މީހުންނެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ.

ޔަހޫދީން ބުނީ, އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކު ރަފަޙަށް އަރާނީ, އެ ރަށުގައި ތިބި ޢާންމު ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައި ކަމުގައެވެ. ނަމަވެސް, އެހީދޭ ޖަމުޢިއްޔާތަކުން ބުނީ, އެއީ ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި, ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ސުންނާފަތި ކޮށްލާފައިވާއިރު, ރަފަޙުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ މީހުން ބަދަލު ކުރާނެ ރައްކާތެރި އިތުރު ތަނެއް ޣައްޒާގައި ނެތް ކަމުގައި އެ ޖަމުޢިއްޔާތަކުން ބުނެއެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް އަރާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފައި މި ވަނީ, ޔަހޫދީންގެ ޢުދުވާންތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި ކުރި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުހޯދި, މެދުކަނޑައިލާފައިވާ ދަނޑިވަޅެއްގައެވެ. ޖައްބާރު ނަތަންޔާހޫ ބުނީ, މިޞްރުގައި ބާއްވާ އިތުރު މަޝްވަރާތަކުގައި އިސްރާއީލުގެ ނެގޯޝިއޭޓަރުން ބައިވެރި ނުވާން ނިންމާފައިވާ ކަމުގައެވެ. ރަފަޙުއަށް އަރައި ޢުދުވާންތައް ފުޅާ ކުރާނެ ވަކި ތާރީޚެއް ޔަހޫދީން ހާމަ ކޮށްފައެއް ނުވެއެވެ.

ނަމަވެސް, މިއީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ޢާއިލާގެ މެންބަރުންނަށް ބަލައިގަނެވޭނެ ނިންމުމެއް ނޫނެވެ. މިއީ, އަސީރުންނަށް މަރުގެ ހުކުމް އިއްވުން ފަދަ އަމަލެއްގެ ގޮތުގައި އެ މީހުންގެ ޢާއިލާތަކުން ސިފަ ކުރެއެވެ. އަދި, މި ކަމާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުން, ޒަޔަނިސްޓު އިސްރާޢީލުގެ ދިފާޢީ ޢިދާރާގެ މައި މަރުކަޒު ވަށައިލައި, މުޒާހަރާ ކުރާނެ ކަމުގައި ވެސް އެ ޢާއިލާތަކުން ބުންޏެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ޔަހޫދީންގެ 134 އަސީރުން ތިބި ކަމަށް ބެލެވެއެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ, ރަފަޙާ އިންވެގެން އޮތް ޚާން ޔޫނިސަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޔަހޫދީންގެ ޙަމަލާތައް އެންމެ ވަރުގަދަ ކޮށްފައި ވަނީ ޚާން ޔޫނިސްގެ އަލް-ނާޞިރު ހަސްފަތާލު ހުންނަ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި, ހަސްފަތާލަށް ވަދެނިކުމެވާ މީހުންނަށް ސްނައިޕަރ ބަޑިން ޙަމަލާދީ, ޔަހޫދީ ފައުޖުން ދަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންނެވެ.

މި ވަގުތު ބަލި މީހުންގެ އިތުރުން ޢާންމުންގެ 10,000 އެއްހާ މީހުން އެ ހަސްފަތާލުގައި ރައްކާތެރި ކަން ހޯދަމުންދާ ކަމަށް ބެލެވެއެވެ. އެ ހަސްފަތާލަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކަށް ކެތް ނުކުރެވިގެން, އެ ތަނުގައި ތިބި ޢާންމުންގެ ތެރެއިން 2,000 އެއްހާ މީހުން ވަނީ އެ ތަނުން ނުކުމެފައެވެ. އެ މީހުން ވެސް ރައްކާތެރިކަން ހޯދަން ދަތުރު ކޮށްފައި ވަނީ ރަފަޙަށެވެ.

ރަފަޙަށް ޔަހޫދީންގެ ޢުދުވާންތައް ފުޅާ ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން, ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހުންނަވާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސް އޮފިޝަލް, ރިޗަރޑް ޕީޕަރކޯން ވިދާޅުވީ, ޔަހޫދީ ފައުޖުން ރަފަޙަށް އަރައިފި ނަމަ, ޚިޔާލާއި ވިސްނުމަށް ގެންނަން ދަތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައެވެ. އަދި, ޣައްޒާގެ ރައްޔިތުންގެ އިންސާނިއްޔަތު ކަމުގެ ހާލަތު, ދަށު ދަރަޖައަކަށް ވެއްޓިގެންދާނެ ކަމުގައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވަނީ, ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި, ރަފަޙަށް ޢުދުވާންތައް ފުޅާ ނުކުރުމަށް އެދިވަޑައިގަންނަވާފައެވެ. މި ކަމާ ގުޅޭ ގޮތުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އެނެލިނާ ބެއަރބޮކް ވިދާޅުވީ, ރަފަޙުގައި މި ވަގުތު ތިބި 1.4 މިލިޔަނެއްހާ މީހުން ދާނެ އިތުރު ތަނެއް ނެތް ކަމުގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގައި ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 28,576 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,000 އަށް އަރައެވެ.