ޚަބަރު

ޙަމާސްގެ އަސްކަރީ ކެމްޕޭނާ އެކު ޔަހޫދީންގެ އިޤުތިޞާދު ހުއްޓުމަކަށް


އޮކްޓޫބަރު 7 ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންގެ ރަށްތަކަށް ދިން ހިތްވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަން ހާމަވެއްޖެއެވެ. ޙަމާސްގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހުދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީންގެ އިޤުތިޞާދު އޮތީ ހުއްޓުން އަރައި އަޑިގަނޑަކަށް ވެއްޓިފައެވެ.

2023 ވަނަ އަހަރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޔަހޫދީންގެ 500 ބިލިޔަން ޑޮލަރުގެ އަގުބޮޑު އިޤުތިޞާދު 3.5 އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވިފައި އޮތެވެ. ނަމަވެސް, ޙަމާސްގެ ފަހުލަވާނުންގެ ޖިހާދުގެ ސަބަބުން, އެ ކަމަށް ވަނީ ހުރަސް އެޅިފައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ދަޢުލަތަށް ވަނީ ގުޑުން ގެނުވާފައެވެ. ޔަހޫދީންގެ ވިޔަފާރިތަކަށް ވަނީ ހުއްޓުން އައިސްފައެވެ. ޔަހޫދީ ޢާންމުން ޚަރަދު ކުރުން ހުއްޓައިލާ ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ވެސް އޮތީ ނިމުމެއް އައިސްފައެވެ. އަދި, ގިނަ ޢަދަދެއްގެ ރިޒަރވް ސިފައިން ވަނީ ޢުދުވާނުގައި ބައިވެރި ކުރުމަށް ކުރީ ސަފަށް ނެރެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޔަހޫދީންގެ އިޤުތިޞާދު ވަނީ ދަށަށް ގޮސްފައެވެ. އެ ބިޔަ, އަދި ވަރުގަދަ އިޤުތިޞާދުގެ މިސްރާބު ހުރީ ފުން އަނދަވަޅަކާ ދިމާލަށެވެ. އެ ކަމުގެ މައިގަނޑު ސަބަބަކީ, ޔަހޫދީ ޢާންމުން ޚަރަދު ކުރުން މެދުކަނޑައިލުމެވެ. އަދި, އިންވެސްޓްމެންޓްތަކަށް ހުއްޓުން އައުމެވެ. އެންމެ ބޮޑު ލޮޅުމެއް އަރާފައި ވަނީ ޢިމާރާތް ކުރުމުގެ ސިނާޢަތަށެވެ. އެ ސިނާޢަތް ވެސް އޮތީ މަޑުޖެހިފައެވެ. ޢިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ މަސައްކަތްތައް އޮތީ ވަޅުޖެހިފައެވެ.

މި ވަގުތު ޔަހުދީ ޢާންމުން ޚަރަދު ކުރަނީ ހަމައެކަނި ކާބޯތަކެއްޗަށް ކަމުގައި ދިރާސާތަކުން ހާމަވެއެވެ. ބޭރު ޤައުމުތަކަށް ޗުއްޓީ ހޭދަ ކުރަން ދަތުރު ކުރުމަށް ވަނީ ނިމުމެއް އައިސްފައެވެ. ބައިސްކޯފުތައް ވެސް އޮތީ ފަޅަށެވެ. ޤައުމުތަކުގެ އިޤުތީޞާދުތަކުގެ ރޭޓިންގ ދޭ އޭޖެންސީ ކަމުގައިވާ މޫޑީސްސުން ވަނީ ޔަހޫދީންގެ ކްރެޑިޓް ރޭޓިންގ އޭ1ގެ ދަރަޖައިން އޭ2ގެ ދަރަޖަށް ދަށްކޮށްފައެވެ. އެއީ ބޮޑު ވެއްޓުމެކެވެ.

ނަމަވެސް, ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ރިޒަރވް ސިފައިން އަނބުރާ ފޮނުވައިލުމާ ގުޅިގެން އިޤުތިޞާދީ ދުވެއްޔަށް ކޮންމެ ވެސް ވަރެއްގެ ރަނގަޅު އަސަރުތަކެއް ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މިހާރުގެ އަންދާޒާއަކީ, 2023 ވަނަ އަހަރު ޔަހޫދީންގެ އިޤުތިޞާދަށް 2 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމެވެ. އަދި, 2024 ވަނަ އަހަރު 0.5 އިންސައްތައާއި 2 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ފެންނާނެ ކަމުގައެވެ. އިޤުތިޞާދީ ދުވެލި ހަމައަކަށް އެޅޭނީ 2025 ވަނަ އަހަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.