ޚަބަރު

އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕްރަބޮވޯ ސުބިއަންތޯ


އިންޑޮނޭޝިޔާގެ ދިފާޢީ ވަޒީރު ޕްރަބޮވޯ ސުބިއަންތޯ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

އިންތިޚާބުގައި އޭނާގެ ރަނިންގ މޭޓެއްގެ ގޮތުން ވާދަ ކުރައްވާފައި ވަނީ މިހާރުގެ ރައީސް ޖޮކޯ ވިޑޯޑޯގެ ދޮށީ ދަރިކަލުން ގިބްރާން ރަކަބުމިންގ ރަކަރްއެވެ. ޖޮކޯ ވަނީ އިންތިޚާބުގައި ޕްރަބޮވާއަށް ކާމިޔާބީ ލިބިވަޑައިގަތުމުން އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

ޢުމުރުން 72 އަހަރުގެ ޕްރަބޮވޯއަކީ އިންޑޮނީޝިޔާގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ފައުޖު ކަމުގައިވާ ސްޕެޝަލް ފޯސަސްގެ އިސް ޖެނެރަލެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް, 1998 ވަނަ އަހަރު އޭނާ ވަނީ އަސްކަރިއްޔާގެ މަޤާމުން ވަކި ކޮށްފައެވެ. ރިޔާސީ އިންތިޚާބުގެ ފުރުތަމަ ބުރުގެ ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި ޕްރަބޮވޯ ވަނީ ވޯޓުގެ 60 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމުގައިވާ އިންޑޮނީޝިޔާއަކީ ދެކުނުއިރުމަތީ އޭޝިޔާގެ އެންމެ ބޮޑު އިޤުތިޞާދެވެ. އިންތިޚާބުގައި ޕްރަބޮވޯއަށް ކާމިޔާބީ ލިބުނު ކަން ހާމަވުމާ އެކު އިންޑޮނީޝިޔާގެ ޙިއްޞާގެ ބާޒާރުގެ އަގުތައް 2.2 އިންސައްތައިން އުފުލުނެވެ. އަދި އިންޑޮނީޝިޔާ ރުޕިޔާގެ އަގު 0.3 އިންސައްތަ ކުރިއަށް ޖެހުނެވެ. ޕްރަބޮވޯ ވަނީ ޖޮކޯގެ އިޤުތިޞާދީ ސިޔާސަތުތައް ހިފަހައްޓަވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ.

ޕްރަބޮވޯ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ޖޮކޯގެ ތާޢީދާ އެކުގައެވެ. ނަމަވެސް, މި އިއްތިހާދު ކިހާ ދުވަހަކަށް ދެމި އޮންނާނެތޯ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު ކުރެއެވެ. 2014އާއި 2019 ވަނަ އަހަރު ބޭއްވި އިންތިޚާބުތަކުގައި ޕްރަބޮވޯ ވަނީ ޖޮކޯއާ ވާދަ ކުރައްވާފައެވެ. ނަމަވެސް, ލިބުނު ނާކާމިޔާބީއާ އެކު, އޭނާ ވަނީ ޖޮކޯއާ ގުޅިވައިގެން އޭނާއާ އެކު މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. ޖޮކޯގެ ދޮށީ ދަރިކަލުން ގިބްރާނަށް ރަނިންގ މޭޓު ކަން އަރުވަން އޭނާ ނިންމަވާފައި ވަނީ, ޖޮކޯގެ ތާޢީދު ދެމެހެއްޓުމަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ޖޮކޯގެ ސިޔާސަތުތައް ތަންފީރު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގައި ޕްރަބޮވޯ ވިދާޅުވެފައިވީ ނަމަވެސް, މިއީ ގިނަ ދުވަހަށް ދެމިގެންދާނެ ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމުގައިވާ ބަވަރގްރޫޕް އޭޝިޔާގެ ޑަގް ރެމޭޖް ވިދާޅުވިއެވެ. ޕްރަބޮވޯއަކީ އަމިއްލަ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަން ބޭނުންފުޅުވާނެ ބޭފުޅެއް ކަމުގައި ރެމޭޖް ވިދާޅުވިއެވެ. އަދި, ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕްރަބޮވޯ ޖޮކޯގެ ސިޔާސަތުތައް ދޫކޮށްލައްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ނަމަވެސް, ޖޮކޯގެ 36 އަހަރުގެ ދަރިކަލުން ގިބްރާންގެ އޮފީސް މެދުވެރިކޮށް އޭނާ ސަރުކާރުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާނެ ކަމަށް ބެލެވެއެވެ. ސިޔާސީ އެނެލިސްޓެއް ކަމުގައިވާ ކެވިން އޮރޫކްރޭ ވިދާޅުވީ, އައު ކެބިނެޓަށް ޢައްޔަން ކުރާނެ މީހުންނާއި, އިންޑޮނީޝިޔާގެ އައު ވެރިރަށާއި, އަސްކަރީ އަދި އިޖުތިމާޢީ ދާއިރާގެ ޚަރަދުތަކާއި, ޢާއިލީ ގޮތުން ގާތް ބޭފުޅުން ސަރުކާރުގެ އިސް މަޤާމުތަކަށް ޢައްޔަން ކުރުމާ މެދު ޖޮކޯއާއި ޕްރަބޮވޯއާ ދެމެދު ޚިޔާލު ތަފާތުވުން އުފެދޭނެ ކަމުގައެވެ.

1998 ވަނަ އަހަރު އިންޑޮނީޝިޔާގެ އަސްކަރިއްޔާއިން ޕްރަބޮވޯ ވަކި ކޮށްފައި ވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތުގައެވެ. އޭނާ, މި ތުހުމަތުތައް ދޮގު ކުރައްވައެވެ. ރިޔާސީ އިންތިޚާބުގައި އޭނާގެ ކެމްޕޭން އަމާޒު ކުރައްވާފައި ވަނީ އިންޑޮނީޝިޔާގެ ތަރައްޤީ ކުރިއެރުވުމަށެވެ. އޭނާގެ ބައެއް ވަޢުދުތަކުގެ ތެރޭގައި ހުރިހާ ކުޑަކުދިންނަށް މެންދުރުގެ ކެއުން ފޯރުކޮށްދިނުމާއި, އެ ޤައުމުގެ އިޤުތިޞާދަށް 7 އިންސައްތައިގެ ކުރިއެރުމެއް ހޯދައިދިނުން ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ އިންޑޮނީޝިޔާގެ އެންމެހައި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ޕްރަބޮވޯ ވަނީ ސިފަ ކުރައްވާފައެވެ. އަދި, ސަރުކާރު އެކުލަވައިލުމުގައި އިންޑޮނީޝިޔާގެ އެކި ކަންކޮޅުތަކަށް ފުރުޞަތު ދޭން ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.