ޚަބަރު

މައްސަލަޖެހިފައި ހުރި އައިސްޕްލާންޓުތައް އަލުން އޮޕަރޭޝަނަށް


  • މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް

  • ތިން އައިސްޕްލާންޓެއް އަލުން އޮޕަރޭޝަނަށްވަނީ ގެނެސްފައި

  • މައްސަލަޖެހިފައި ހުރި އެހެން އައިސްޕްލާންޓުތައްވެސް އަލުން އޮޕަރޭޝަނަށް ގެންނާނެ

  • އައު އައިސްޕްލާންޓުތައްވެސް ގާއިމްކުރުމުގެ މަސައްކަތްދަނީ ކުރެވެމުން

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެދަށުން، 3 އައިސްޕްލާންޓެއް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުތަކުގެތެރެއިން މައްސަލަޖެހި މަސައްކަތް ހުއްޓިފައިވާ އައިސްޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ދަނީ މިފްކޯއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަހުން، ޅ. ފެލިވަރު، ގއ. ގެމަނަފުށި އަދި ގއ. ކޮލަމާފުށީ އައިސްޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. މިއީ 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން ހުރި އައިސްޕްލާންޓުތަކެކެވެ.

މީގެއިތުރުން ގއ. ދެއްވަދޫ އައިސްޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު އެރަށުގައި މިފްކޯގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އައިސްޕްލާންޓުތަކުގެ މެއިންޓަނަންސްގެ މަސައްކަތްތަކަށް ފަރުވާ ކުޑަކުރެވިފައިވާ ކަމަށެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ 5 ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ޙަވާލުކޮށް ލަސްވާތީ ޓަރމިނޭޓްކުރި 4 ޕްރޮޖެކްޓެއްވެސް ހިމެނޭކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލެޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުޞަތުވެސް ހުޅުވާލައްވާނެކަމަށެވެ. އަދި މި ފުރުޞަތުތަކަށް މަސް ދޯނިފަހަރަށް ބޭންކް މެދުވެރިކޮށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.