ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަމަހުގެ 5ގެ ނިޔަލަށް ދީ ނިންމާނެ: ޝިޔާމް


  • މިހާރު ނުދެވި ހުރީ ޖުމްލަ 280 މިލިޔަން ރުފިޔާ

  • ކޫއްޑޫއަށް ވަޒީރު ދަނީ ދަތުރުކުރަމުން

  • މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވި

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ދީ ސަރުކާރުން ނިންމާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަޒީރު ޝިޔާމު ވިދާޅުވީ މިސަރުކާރަށް ވާރުތަވި 250 ވަރަކަށް މިލިޔަން ރުފިޔާއާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ.

އަދި މަހުގެ އަގު މުރާޖަޢާ ކުރި ދުވަހުން ފެށިގެން ކިރުވާފައިވާ މަހަށްވާ 26 މިލިއަން ރުފިޔާ މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ ވަރަށްގާތުން ބައްލަވަމުންކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސްކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުންކަމަށެވެ.

އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެކަމަށް ވިދާޅުވެ ވަޒީރު ޝިޔާމު ވިދާޅުވީ، ކޫއްޑޫގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް ވަޒީރުވަނީ އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ ފަރާތުން އެދިފައެވެ.

ވަޒީރު ވިދާޅުވީ ކޫއްޑޫގައި ތިބި މަސްވެރިންނާ ބައްދަލުކުރެއްވުމަށް، ކޫއްޑޫއަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.