ޚަބަރު

އިޤްތިިޞާދީ ބޭނުމަށް މަގޫދޫން ބިން ހިއްކައިފި


  • ބިން ހިއްކުމުގެ %50 މަސައްކަތް ވަނީ ނިންމާފައި

  • 48 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެ

  • ރަށުގެ ބޭނުމަށް 17 ހެކްޓަރުގެ ބިން ހިއްކި

ފ.މަގޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ އިޖުތިމާޢީ އަދި އިޤްތިިޞާދީ ކަންކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދު ހިއްކާ ނިންމާލައިފިއެވެ.

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީންނެވެ.

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އެރަށު ފަޅުން 48 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތުގެ %50 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ 30.8 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 232.26 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ފަށައިގެން އަންނަނީ ކުރަމުންނެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ފަސިންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ. މަގޫދޫ އެއަރޕޯޓު ހިންގުން ސަރުކާރުން ވަނީ ރީޖަނަލް އެއަރޕޯޓްސްއާ ހަވާލުކުރައްވާފައެވެ.

އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ފ.މަގޫދޫއަކީ އެއަތޮޅުގައި މީހުން ދިރިއުޅޭ 5 ރަށުގެ ތެރެއިން ދެވަނައަށް އެންމެ އާބާދީ މަދު ރަށެވެ. އާބާދީ ކުޑަނަމަވެސް މަގޫދޫއަކީ ފަންނުވެރި އަދި ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.

ރިސޯޓުތަކަށް ކުކުޅު ސަޕްލައިކުރުމާއި ބޭރުގެ ޔުނިވަރިސިޓީއަކާއި ގުޅިގެން ރާއްޖޭގައި ހިންގާ ހަމައެކަނި މެރިން ބަޔޮލޮޖީގެ ބޮޑެތި ދިރާސާތައް ގަވާއިދުން ކުރަނީ މަގޫދޫގައެވެ. ރަށަށް ލިބެން ހުރި އެތައް ފުރުސަތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ބިން ނެތުމެވެ. އެހެންކަމުން ރަށަށް ބިން އިތުރުކުރުމަކީ ރަށުގެ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.