ޚަބަރު

މިއަހަރު ފަށަން ނިންމާފައިވާ އައްޑޫގެ ބްރިޖުގެ ސަރވޭ ހެދުމަށް ހިލޭ އެހީ ހަމަޖެހިއްޖެ


  • ޕްރޮޖެކްޓްގެ ސަރވޭއާއި ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި

  • ރައީސް ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރިއަށްދާއިރު ދިވެހި ވިޔަފާރިތައް ބައިވެރިކުރާނެކަމަށް

  • އައްޑޫގައި ސީޕްލޭން ހަބަކާއެކު ފަތުރުވެރިކަމުގެ ބޮޑެތި ޕްރޮޖެކްޓްތައްވެސް ހިންގާނެ

އައްޑޫ ބްރިޖް މަޝްރޫޢުގެ ދިރާސާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހިލޭ އެހީ ލިބިފައިވާކަމަށާއި، ދިރާސާތައް ނިންމާ ބުރިޖުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަދުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑުއަށް ސަރުކާރުން ގެންގުޅުއްވަނީ އިޤްތިޞާދީ އިސްކަންދެއްވުމުގެ ތަޞައްވުރެއްކަމަށެވެ.

އެގޮތުން ހުޅުދޫ-ހުޅުމީދޫ ބްރިޖް މަޝްރޫޢުއާއި އައްޑޫ ސީޕްލޭން ހަބްގެ މަސައްކަތާއި ފަތުރުވެރިކަމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފާއިވާ މަޝްރޫޢުއާއެކު މުޅި އައްޑޫ ސިޓީ ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބްރިޖްގެ ސަރވޭގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބްރިޖްގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ބްރިޖާއި އެހެނިހެން މަޝްރޫޢުތައްވެސް ކުރިއަށްގެންދަވާނީ، އައްޑޫގެ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ބޮޑުވާނެގޮތަށްކަމަށެވެ. އެގޮތުން މަޝްރޫޢުތައް ކުރިއަށްދާއިރު، ގުޅުންހުރި އިތުރު ޚިދުމަތްތައް ދިނުމަށް ދިވެހި ކުންފުނިތަކަށް ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ، ޑިޒައިން އެއީ ހިލޭ އެހީ. ބްރިޖް ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ. ސަރުކާރުން މަސައްކަތްކުރާނީ ވީހާވެސް އަވަހަށް ޕްރޮޖެކްޓްތައް ފަށަށް. ދަޢުރުގެ ފަހުކޮޅު މަސައްކަތް ފެށުމަކީ އެންމެ އެދެވޭގޮތެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ފެނާއި ކަރަންޓުގެ މަސައްކަތް ޙައްލުކުރެއްވުމާއި، އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް މިހާރަށްވުރެ ރޭވުންތެރިކަމާއެކު ގެންދެވޭނެ ގޮތް ހައްދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުދައެރުމުގެ މައްސަލަތަކާއި އާއްމު ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް ލިބޭ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.