ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދެއްވުމާއި ގުޅޭގޮތުން "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ވަޢުދު ފުއްދަވާދެއްވާނެކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 18, 2024
18 ފެބްރުވަރީ 2024
ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް، ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެތޯ ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/pGY0YkPMu3
ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް ކަނޑައަޅައި، އެ މީހުންނަށް ލިބިފައިވާ ފްލެޓް އަތުލާފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ހިޔާ ޓަވަރުގައި އުޅޭ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ކޮށްދެއްވަމުންނެވެ. އެގޮތުން ހިޔާ ފްލެޓުތަކުން ނަގަމުން ދިޔަ ކުލި ކުޑަކޮށްދެއްވުމުގެ އިތުރުން ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.