ޚަބަރު

ބްރިޖް މަޝްރޫޢު ފެށުމަކީ ސަރުކާރުން އައްޑޫ ސިޓީއަށް ގެންގުޅުއްވާ ތަޞައްވުރު ހާމަވާ ކަމެއް: ނިޒާރު


  • ނިޒާރު ވިދާޅުވީ ރައީސް އައްޑޫގައި ބްރިޖް އަޅުއްވާނެކަމީ ޔަޤީންކަމެއް ކަމަށް

  • މިމަޝްރޫޢުން އިޤްތިޞާދީ، ފަރުދީ އަދި ތަރައްޤީގެގޮތުންވެސް ސީޓި ބަދަލުކޮށްލާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އައްޑޫ ސިޓީ ބްރިޖް އަޅުއްވާނެކަމަށާއި އެއިތުބާރު ފުރިހަމައަށް އެބައޮތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ އައްޑޫ ބްރިޖް މަޝްރޫޢުގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ބްރިޖް މަޝްރޫއާ ގުޅޭ މަސައްކަތްތައް ފެށިގެންދާތަން ފެނުމަކީ ނިޒާރުގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު އުފަލެއް ލިބިގެންދިޔަ މަސައްކަތްކަމަށެވެ. މިމަސައްކަތަކީ އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އިންތިޒާރުކަމަށާއި އެހެންނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރެއްގައި މި މަސައްކަތަށް ދޭންވާ އަހަމިއްޔަތުކަން ދީފައި ނުވާކަމަށެވެ.

ނަމަވެސް މިސަރުކާރުން އެންމެ އިސްކަންދެއްވައިގެން އައްޑޫ ބްރިޖް މަޝްރޫޢު ފެއްޓެވުމަކީ، ސަރުކާރުން އައްޑޫ ސިޓީއަށް ގެންގުޅުއްވާ ތަޞައްވުރު ހާމަގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ. އައްޑޫ ބްރިޖް މަޝްރޫޢު ވެގެންދާނީ ޢުމްރާނީ ބިނާތަކުން ދުނިޔޭގެ ބޮޑެތި ސަހަރުތައް ބަދަލުކޮށްލި ފަދަ މަޝްރޫޢަކަށް ކަމަށްވެސް ނިޒާރު ވިދާޅުވެއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުންގެ މިހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުކަމަށެވެ.

"ޑރ.މުޢިއްޒު އައްޑޫގައި ބްރިޖް އަޅުއްވާނެ. އެ ޔަގީންކަން ލިބެނީ ރައީސް ޚުދު އެޔަގީންކަން ދެއްވާތީ، އެހާމެ ކެރިގެން އެވާހަކަ ވިދާޅުވާތީ. ރައީސް ވިދާޅުވާ ބަހުގެ ޔަގީންކަން އެބައޮތް." އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިމަޝްރޫޢަކީ އިޤްތިޞާދީގޮތުންނާއި ފަރުދީ ތަރައްޤީގެގޮތުންވެސް މުޅި އައްޑޫ ބަދަލުކޮށްލާނެ މަޝްރޫޢެއްކަމަށެވެ. މިއީ ހަމައެކަނި ކޮންކްރީޓް ބްރިޖެއް ނޫންކަމަށާއި، މިއީ އައްޑޫއަށް ކުރިމަގު އެކަމަކަށް ބައްޓަންވެގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން އައްޑޫ ސިޓީއަށް އިންވެސްޓަރުންގެ ޝަޢުގުވެރިކަން ހުއްޓި، ސިޓީއަށް އިތުރު ތަރައްޤީއާއި ކުރިއެރުން އަންނާނެކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

އައްޑޫ ބްރިޖް މަޝްރޫޢާއި ސަރުކާރުން އައްޑޫގައި ކުރިއަށްގެންދަވާ މަސައްކަތްތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެއްވާނެކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.