ޚަބަރު

ނ. އަތޮޅުގެ 2 ރަށެއްގައި ޕޮލިސް ޕޯސްޓް ހުޅުވައިފި


  • ޕޮލިސް ޕޯސްޓް ހުޅުވާފައިވަނީ ނ. މާޅެންދޫއާއި ނ. މިލަދޫގައި

  • ޕޮލިސް ޕޯސްޓްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު

  • ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ކޮމިޝަނަރ ވިދާޅުވި

ނ. މާޅެންދޫއާއި ނ. މިލަދޫގައި ޕޮލިސް ޕޯސްޓް ހުޅުވާ ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މާޅެންދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަސަންއެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާގެ ހިންގުން އިތުރަށް ތަރައްޤީކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިލަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދުއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިލަދޫއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭނެކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ފުލުހުން ފަސްނުޖެހޭނެކަމަށް ވެސްކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މާޅެންދޫ އަދި މިލަދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު މި ދެ ރަށުގެ ޕޮލިސް ޕޯސްޓުގައި ވަނީ ޤައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެހެނިހެން ފުލުހުންގެ އިތުރުން އެރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.