ޚަބަރު

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ: މޭޔަރ


  • ސިޔާސީ ކޯޅުމުގައި ރައްޔިތުންނާއި ރަށަށް ބޭނުންވާ ތަރައްޤީއަށް ކައުންސިލުން ހުރަސް ނާޅާނެ

  • ފުވައްމުލަކަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި

ފުވައްމުލައް ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނޭކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ ސިޔާސީ ކޯޅުމުގެ ތެރެއިން އެ ސިޓީއާއި ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުމެއް ހުއްޓިގެން ދިޔުމަށް ބޭނުންނުވާކަމަށެވެ. އަދި ސަރުކާރުން ފުވައްމުލަކުގެ ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެއްވާ ކޮންމެ ކަމެއްގައި ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

"ރައީސްގެ ޓީމާއެކު މަސައްކަތްކޮށް ފުވައްމުލަކަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ކައުންސިލްގެ އެއްބާރުލުން ލިބިގެންދާނެ. އަދި އެކަމުގައި ރައީސްގެ އެއްބާރުލުން ލިބިގެންދާނެކަމަށް ޔަގީންކުރަން." މޭޔަރ ވިދާޅުވިއެވެ.

މޭޔަރގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއާއެކު ސިޓީ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ސިޓީގެ ހުރިހާ މަގެއްގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީން ސަރުކާރުން ދެއްވާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްނުދާނެކަމަށް ބައެއް
ފަރާތްތަކުން ބުނަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން އެ މަޝްރޫއު ފައްޓަވާ ދެއްވިކަމަށްޓަަކައި މޭޔަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މޭޔަރުގެ ވާހަކަފުޅުގައި ވަނީ ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢާއި ރަށުގެ ބަނދަރުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ފުވައްމުލަކު އެއަރޕޯޓު ތަރައްޤީކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެ ސިޓީގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ސިޓީގެ މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިގްތިސާދީ މަޝްރޫއުތަކުގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށާއި އަދި އެސިޓީގައި މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ އެހީ ސައުދީ ފަންޑު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސަރުކާރުގެ ވަރަށް ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނު އެސިޓީއަށް ދެއްވާ އަހަންމިއްޔަތުކަން ދައްކައިދޭ ކަމެއްކަމަށެވެ. އަދި މޭޔަރ ވަނީ އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.