ޚަބަރު

މޫސުމީ ބަދަލުތަކުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމުގެ ސަގާފަތެއް ގެންގުޅެން ޖެހޭ: ޣައްސާން


  • މިފޯރަމްގައި ކާރިސާއިން ލިބޭ ގެއްލުންތައް ވިލަރެސްކުރެވޭނެ

  • ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށް

މޫސުމަށް އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ރެސްޕޮންޑާސް ފޯރަމް ފައްޓަވާދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ހާދިސާތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް "ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީ"އެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ސްޓްރެޓެޖީއާއެކު ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ މުއައްސަސާތަކާއި މުޅި މުޖުތަމަޢަށްވެސް ފަސޭހަ ނިޒާމެއް ޤާއިމްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޣައްސާން ވިދާޅުވީ މިފަދަ ފޯރަމެއް ބޭއްވުމުން ދޭހަވަނީ ޤުދުރަތީ ކާރިސާތަކާއި ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން އިސްކަމެއްދޭކަން ކަމަށެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ދުރާލާ ރައްކާތެރިވެ ތިބުމުގެ ސަގާފަތެއް އަށަގަންނަވަންޖެހޭ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުން. އެގޮތުން ތޫފާންތަކާއި ރާއްޖެއަށް ޢާންމުކޮށް ދިމާވާ ފެންބޮޑުވުން ފަދަ ކަންކަން ދިމާވޭ. މި ކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެންގެ ތެރޭގައި ދުރާލާ ތައްޔާރުވުމުގެ ސަގާފަތެއް އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެއް." ވަޒީރު ވިދާޅުވިއެވެ.

މިފޯރަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މި ފޯރަމަކީ ޤުދުރަތީ ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއްވެ، އެފަރާތްކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެއް ކަމަށެވެ. އަދި ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތްތައް ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މި ފޯރަމްގެ ތެރެއިން މަޝްވަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތައް ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު މޫސުމަށް އަންނަ ބަދަލަކުން ނުވަތަ ދިމާވާ ކާރިސާއަކުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އަދި ދެވަނަ ދުވަހު މި ނުރައްކާތަކުން އަރައިގަތުމަށް އެކި މުއައްސަސާތަކާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފޯރަމްގައި މަޝްވަރާކުރެވޭ ހާދިސާތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމާއި ސިއްޙީ ގޮތުން ދިމާވެދާނެ ކާރިސާތައް ހިމެނެއެވެ.

ފޯރަމް މިއަހަރު ބާއްވަނީ ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިސްނަގައިގެން ޔޫއެސްއެއިޑާއި އޭޝިއަން ޑިޒާސްޓަރ ޕްރިޕެއަރޑްނަސް ސެންޓަރާއި ދިވެހި ރެޑް ކްރެސެންޓްގެ އެހީތެރިކަމާއެކުގައެވެ.