މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމަށް އެކުވެރި އދ. އާއި ދިވެހިރާއްޖެއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރައްވާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
އދ. ސެކްރެޓަރީ ޖެެނެރަލާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި އދ. އާއި ރާއްޖެއިން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ބޮޑަށް މަޝްވަރާކުރައްވާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުންނެވެ. އެގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ ގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީ ހޯދުމާއި ގުޅޭގޮތުން މީގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލާއި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާ ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސިޑްސްގެ ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ބައިނަލްއަގުވާމީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.