ގދ.މަޑަވެލީގެ ބިން ހިއްކައި، ރަށުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ގދ.މަޑަވެއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑަވެއްޔަށް އެންމެ މުހިންމު ކަމެއްގެގޮތުގައި ކައުންސިލުން ފާހަގަކުރެއްވީ ރަށުގެ ބިން ހިއްކައިދިނުމާއި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ މައްސަލަކަމަށެވެ. އަދި ރަށުގެ ބިން ހިއްކަވައިދެއްވާނެކަމަށާއި އެކަމާއި ގުޅޭ ފަންނީ މަސައްކަތްތައްވެސް ކަމާއި ގުޅުންހުރި ވުޒާރާއިން ރަށުގެ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑަވެލިން އެންމެ ފަހުން ގޯތި ދޫކުރީ 2004ވަނަ އަހަރުކަމަށާއި އަދި ރަށުގެ ބިން މުޅިން ފުރިފައިވާކަމަށެވެ. އަދި ރަށުގައި މިވަގުތުވެސް އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 300 އަށްވުރެ ގިނަ އާއިލާ އެތިބިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުއާއެކު މި އާއިލާތައް ގެދޮރުވެރިކުރެވޭނެ ފުރުޞަތު ފަހިކޮށްދެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މުހިއްމު އިސްކަމެއް ދެއްވާއިރު، މަޑަވެއްޔަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލާއި ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.
"ދެވަނަ ކަމަކަށް ކައުންސިލުން ފާހަގަކުރީ ބަނދަރުގެ މައްސަލަ. މަސްވެރި ރަށަކަށްވުމާއެކު ޖާގަ އިތުރުކުރުން ވަރަށް މުހިންމު. ރައްޔިތުން ބޭނުންވާ ފެންވަރަށް އެވަރުގެ ބޮޑު ބަނދަރެއް ހަދައިދޭނަން. އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދޭނަން." ރައީސް ވިދާޅުވިއެވެ.
މަޑަވެލީ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމާއި ރަށު ފެންވަރުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަޑަވެއްޔަކީ މަސްވެރި ރަށަކަށް ވުމާއި އަދި އާބަދީވެސް އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމުކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރަށުގައި އާ މިސްކިތެއް އެޅުމާއި، މަލްޓި ޕަރޕަސް ހޯލަކާއެކު ސްކޫލް އިތުރަށް ތަރައްޤީކުރެއްވުމުގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ރަނގަޅު ފެންވަރުގެ ފެސިލިޓީއެއްވެސް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަޑަވެލީ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކޮށްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.