ރަޝިޔާގެ އިސްތިޢުމާރީ ފައުޖުތަކާ ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޤައުމަށް 800 އަސްކަރީ ޑްރޯން ފޮނުވަން ކެނެޑާއިން ނިންމައިފިއެވެ.
ކެނެޑާގެ ދިފާޢީ ވަޒީރު ބިލް ބްލެޔަރ ވިދާޅުވީ, ޔޫކްރެއިނަށް ފޮނުވަން ނިންމާފައި ވަނީ 'ސްކައިރޭންޖަރ އާރް-700' މަރުކާގެ ޑްރޯންތަކެއް ކަމުގައެވެ. އެއީ, އަސްކަރީ އެކި ހާލަތްތަކުގައި ބޭނުން ކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ. އެ މަރުކާގެ 800 ޑްރޯން ހޯދުމަށް ކެނެޑާ ސަރުކާރުން 70.44 މިލިޔަން އެމެރިކާ ޑޮލަރު ހޭދަ ކުރާނެއެވެ. އެއީ, ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިޢުލާނު ކުރައްވާފައިވާ 370 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވާ ޑްރޯންތަކެއް ކަމުގައި ބްލެޔަރ ވިދާޅުވިއެވެ.
"މިއީ, ޔޫކްރެއިންގެ ސިޔާދަތީ މިނިވަން ކަމުގެ ދިފާޢުގައި އެ ޤައުމުގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައަށް ލިބޭ ވަރަށް ބޮޑު, އަދި މުހިންމު އެހީތެރިކަމަކަށް ވާނެ. ކެނެޑާގެ މި އެހީތެރިކަމާ އެކު ޔޫކްރެއިންގެ ފައުޖުން ބޭނުންވާ ޑްރޯންތައް ލިބިގެންދާނެ. ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކެނެޑާއިން އަބަދު ވެސް ދެމިއޮންނާނެ،" ބްލެޔަރ ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން, ކެނެޑާއިން ޔޫކްރެއިނަށް 7.1 ބިލިޔަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ވަޢުދުވެފައިވެއެވެ. މީގެ ތެެރެއިން, 1.7 ބިލިޔަން އެމެރިކާ ޑޮލަރަކީ އަސްކަރީ އެހީއެވެ. ކެނެޑާއިން ދާދިފަހުން ވެސް 44.4 މިލިޔަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ޔޫކްރެއިނަށް ފޯރުކޮށްދީފައިވެއެވެ.
އެ ޤައުމުން ޔޫކްރެއިނަށް އަސްކަރީ ޑްރޯންތަކެއް ފޯރުކޮށްދޭން ނިންމައި, އެ ކަން އިޢުލާނު ކޮށްފައި މި ވަނީ, ގިނަ ޢަދަދެއްގެ ހަތިޔާރަށް ބޭނުންވާ ވަޒަނާއި ބޮން ހުސްވަމުންދާ ކަން ޔޫކްރެއިނުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ އިރުމަތީ ދޮންޏެސްކުގައި އޮންނަ ރަށެއް ކަމުގައިވާ އަވްދީވްކާއަށް އަތްގަދަ ކޮށްފައެވެ. އެ ރަށަށް ރަޝިޔާ ސިފައިން އަރާފައި ވަނީ, ޔޫކްރެއިން ސިފައިންގެ އަތުން ހަތިޔާރު ހުސްވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.