ރަށު ކައުންސިލާއި ރައްޔިތުން ބައިވެރިވާގޮތަށް ގއ.ކޮނޑޭގައި ދަނޑުވެރިކަން ކުރިއަރުވައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގއ.ކޮނޑޭއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޮނޑޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމުގައި ކުޑަރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރައްވާނެކަމަށެވެ. އަދި އާބާދީ ކުޑަނަމަވެސް ކޮނޑޭއަކީ، ރަށުގައި ރައްޔިތުން ތިބެގެން ދަނޑުވެރިކަމުން ނަފާ ހޯދޭނެ ފުރުޞަތު އޮތް ރަށެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮނޑޭއަކީ ބިން ބޮޑު ރަށަކަށްވުމާއެކު، ދަނޑުވެރިކަން ފުޅާކުރެއްވިއްޖެނަމަ އަމިއްލަ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް މުހިންމު ފުރުޞަތެއް ހުޅުވޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމަށް އެކަނި ބަރޯސާނުވެ، އިތުރު ސިނާޢަތްތައް ފުޅާކުރުމަކީ ސަރުކާރުން މި ދަޢުރުގައި އެންމެ ޚާއްސަ އިސްކަމެއް ދެއްވާނެ އެއް މަސައްކަތްތަކަމަށެވެ. އެގޮތުން ދަނޑުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވޭނެ މަސައްކަތެއްކަން ސަރުކާރުން ދެކޭކަމަށާއި، އެކަމަށް ސަރުކާރުގެ ވަރަށް ބޮޑު އާމާޒެއް އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކާބޯތަކެތީގެ ބާވަތްތައް އުފައްދާ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ރާއްޖޭގައި ބިން ބޮޑެތި ރަށްތަކަށް ޢަމާޒުކޮށް ސަރުކާރުން ގަސްތުކުރަން މިދާއިރާއިން މުހިންމު އިންވެސްޓަމަންޓްތަކެއް ގެނައުމަށް. މި ރަށަށްވެސް ކައުންސިލާއި ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢުއެއް ހިންގައިދޭނަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮނޑޭ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމަކަށްވާތީ އެކަންވެސް ރައްޔިތުންނަށް ކޮށްދެއްވާނެކަމަށެވެ. އަދި އެ ބަނދަރުވެގެންދާނީ އިތުރުވަމުންދާ އާބާދީއާއި އެކަށީގެންވާ ބަނދަރަކަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހިމަނައިގެން ކޮނޑޭއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯއްދަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ސިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުމާއި، ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމާއި ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ގޮތް ހޯދައިދިނުމުގެ އިތުރުން ރަށުގައި ތިބެގެން ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ނެގޭނެ އިންތިޒާމެއްވެސް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.