ޚަބަރު

އަރބަން ސެންޓަރުތަކާއެކު ކުދި ރަށްރަށުގެ މީހުންނަށް ހިޖުރަކުރުމުގެ ފުރުޞަތު ލިބޭނެ: ރައީސް


  • ވިލިނގިލީގައި އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރަން ވަނީ ހަވާލުކޮށްފައި

  • ހުރިހާ ސަރަޙައްދެއްގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށް

  • އިޤްތިޞާދީ ފުރުޞަތުތައް އެތައް ގުނައަކުން އިތުރުވާނެކަމަށް ވިދާޅުވި

ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތަކަކީ ދުރުރާސްތާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފުދުންތެރިކަން އިތުރުކޮށް، ކުދި ރަށްތަކުގެ ރައްޔިތުންވެސް އަމިއްލަ އިޚްތިޔާރުގައި އެސަރަހައްދުތަކަށް ހިޖުރަކޮށް ދިރިއުޅެވޭނެ މަގު ފަހިވާގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގއ.ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގއ.ވިލިނގިއްޔަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް ބެލްޖިއަމްގެ ކުންފުންޏަކާއި ހަވާލުކުރައްވާފައިވަނީ މަޝްރޫޢުގެތެރެއިން ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ހިމެނޭހެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުންކަމަށެވެ. މިއީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢުތަކެކެވެ. ރައީސް ވިދާޅުވީ ގއ.ވިލިނގިލިވެސް ވެގެންދާނީ މިފަދަ އެއް ސަރަހައްދަކަށްކަމަށެވެ. އެގޮތުން ވިލިނގިލި ތަރައްޤީކުރާނީ އެސަރަޙައްދުގައި ތިބެގެން ފުދުންތެރި އިޤްތިޞާދެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭގޮތަށްކަމަށް ރައީސުލްޖުމްހޫރއްިޔާ ވަނީ ވިދާޅުވެފައެވެ.

މިއާއެކު ކުދި ރަށްރަށުގެ ރައްޔިތުންވެސް މިފަދަ ފުރުޞަތުތައް އޮތް ރަށްރަށަށް ޝަޢުގުވެރިކަން އިތުރުވެ، އެ ރަށްރަށަށް އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިމަސައްކަތްތައް ކުރިއަށްދާއިރުވެސް ކުދި އާބާދީ އޮތް ރަށްރަށަށް ބޭނުންވާ ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތްތައް ފެށީ އެކި ސަރަޙައްދުތައް އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރުމަށް. އޭރުން ދުރު ރާސްތާގައި ކުދި ރަށްރަށުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރުމުގެ ޝައުޤުވެރިކަން އުފެދޭނެ. އެ ފުރުޞަތު ފަހިކޮށްދޭނަން. އޭރުން ދެމެހެއްޓެނިވި ތަރައްޤީއެއް ގެނެވޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ޤާއިމުކުރާ ޚިދުމަތްތަކާއި އަދި ގެނެވޭ އިންވެސްޓްމަންޓްތަކާއެކު ވިޔަފާރިއާއި ވަޒީފާގެ އެތައް ފުރުޞަތެއްވެސް ހުޅުވޭނެކަމަށެވެ. ބިން ހިއްކުމާއި ބައިނަލްއަޤްވާމީ އެއަރޕޯޓް މަޝްރޫޢު މިދަޢުރުގެ ތެރޭގައި ނިންމަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ވިލިނގިލީގެ ރައްޔިތުންނަށް ދެއްވާފައެވެ.

މީގެއިތުރުން އެއަރޕޯޓް މަޝްރޫޢާއެކު ވިލިނގިލިން ހިއްކާ ބިމުން ގެދޮރުވެރިކަމަށް ފުރުޞަތު ހުޅުވާލުމާއި ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ހުޅުވާލައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވިލިނގިއްޔަށް ދެން އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރީ ބަނދަރުގެ މައްސަލަ ޙައްލުވުމެވެ. އެރަށު ބަނަދަރު ތަރައްޤީކުރަން ހަވާލުކޮށް އެކިގޮތްގޮތަށް މަސައްކަތް ފަށާފައިވާތާ ހަތްވަރަކަށް އަހަރު ވަނީ ވެފައެވެ. ނަމަވެސް މިހާތަނަށްވެސް މަސައްކަތް ފުރިހަމަކޮށް މިރަށަށް ޒަމާނީ ބަނދަރެއްގެ ފަސޭހަކަން ލިބިފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރުގެ މަސައްކަތް އެންމެ އިސްކަން ދެއްވާ މަސައްކަތެއްގެގޮތުގައި ނިންމަވައިދެއްވާނެކަމަށެވެ.

މީގެއިތުރުންވެސް ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރު ފެސިލިޓީއާއި ސްކޫލްގެ ޖާގަވެސް އިތުރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްޤީ ނައިސް ވިލިނގިލި ބާކީވެފައި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނަވާނެކަމަށެވެ.