ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްޤީ ކުރަމުން އަންނަ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން 4 ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކޯޕަރޭޝަން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން 11 ފްލެޓެއްގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އިތުރު ޓަވަރުތަކުގެވެސް ސްޓްރަކްޗަރަލް މަސައްކަތުގެ %65 ނިމިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. ހަމްދާން ވިދާޅުވީ މިހާރު ކުރިއަށް ދަނީ 4 ޓަވަރެއްގެ ފިނިޝިން މަސައްކަތްކަމަށާއި ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ފްލެޓެއްގައި 3 ލިފްޓް ހަރުކުރާނެއެވެ. އެގޮތުން އާދައިގެ 2 ލިފްޓާއި ބަލި މީހުން އުފުލުމަށް 1 ލިފްޓް ޚާއްސަކޮށްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
"އިދާރީ ގޮތުން ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނެސް ކޮލިޓީ އެޝުއަރެންސް ކަންކަން ކޮމްޕްރޮމައިޒް ނުކޮށް ތަންކޮޅެއް އަވަސް ސްޕީޑެއްގައި ކަންކަން ކުރީމަ ނަތީޖާ އެބަ ފެނޭ. ލޯ ޑެންސިޓީއަށް ވަރަށް ބޮޑަށް އިސްކަން ދެން. އިމާރާތްތައް ވަރަށް ފުރިހަމަވާނެ." އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 32 ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު 26 ޓަވަރުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ބާކީ 6 ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަސްތެރޭ ނިންމުމަށް ޕްލޭންކޮށްފައި އޮތްނަމަވެސް އެ ޓަވަރުތަކުގެ މަސައްކަތްވެސް މިއަހަރު ތެރޭ ނިންމޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ހަމްދާން ވިދާޅުވިއެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އިމާރާތްކުރަމުންނެވެ. އެއީ 17 ފަންގިފިލާއާއި 18 ފަންގިފިލާގެ ޓަވަރުތަކެކެވެ. ކޮންމެ ފަންގިފިލާއެއްގައި 8 އެޕާޓްމަންޓް ހުންނާނެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.
ފްލެޓްތައް އިމާރަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ ކޭޕީއައިއެލްއާއެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާއެވެ. މި ފްލެޓްތަކުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 3 ކޮޓަރީގެ ފްލެޓްތަކަށް މަހަކު 7000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކަށް މަހަކު 5000 ރުފިޔާއާއި މަރާމާތު ފީގެގޮތުގައި މަހަކު 1000 ރުފިޔާއެވެ.
ފްލެޓްތައް ނިންމުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓްގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ފްލެޓުތަކުގެ އެގްރިމަންޓުތަކުގައި ސޮއިކުރަން ނުފެށެނީ އެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީގު ކުރަމުންދާތީއެވެ. ނަމަވެސް ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.