ޚަބަރު

މަސްވެރިކަމުގެ ސިނާއަތުގެ މަޝްރޫޢުތަކުގެ %90 މަސައްކަތް އޮތީ ހުއްޓިފައި


  • ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫޢުތަކާއި އައިސް ޕްލާންޓްތަކުގެ މަސައްކަތް ހިމެނޭ

  • އިޤްތިޞާދަށް އާމްދަނީއެއް ލިބޭނެ ސިނާއަތަކަށް ހެދުން

  • ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ތަޞައްވަރު އެބައޮތް

މަސްވެރިކަމުގެ ސިނާއަތުގައި ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަވާލުކުރި މަސައްކަތުގެ ތެރެއިން %90 މަސައްކަތް އޮތީ ހުއްޓިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މިސަރުކާރު އައިރު މަސްވެރިންނަށް ފައިސާ ލިބުމުގައި ލަސްތަކެއް ހުރިކަމަށާއި އައިސް ނުލިބުމާއި ސްޓޯރޭޖްގެ ކެޕޭސެޓީ ނެތްކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށްޓަކައި މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތަކުގެ %90 މަސައްކަތް ހުއްޓިފައި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫޢުތަކާއި އައިސް ފޯރުކޮށްދިނުމަށްޓަކައި ފަށާފައިވާ މަޝްރޫޢުތައް އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ނުހިނގާ މަޝްރޫއުތައް ބާތިލުކޮށްފައިވާނެ ކަމަށާއި އެ މަސައްކަތްތައް އަވަހަށް ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

" މިސަރުކާރާއެކު މިގޮތަށް ހުއްޓިފައި ނޫނީ މަޑުން ފިނިހަކަ ދުވެލީގައި ހުރި މަޝްރޫޢުތަކުގެ ސްޓޭޓަސް ބަލާފައި އޭގެ ތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓްތައް ވާނީ ޓާމިނޭޓްކޮށްފައި. ޓާމިނޭޓް ކުރަންވީމަ އުނދަގޫ. އެއީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއްވެސް ދޭން ޖެހޭނެ. ނަމަވެސް އެ މަސައްކަތްތައް ޓާމިނޭޓް ނުކޮށްފިނަމަ ރައީސްގެ ތަޞައްވުރު ހާސިލް ނުވާނެކަން އަޅުގަނޑުމެންނަށް ޔަޤީންވާ ޕްރޮޖެކްޓްތައް މި ހުއްޓާލަނީ. ހުއްޓާލާފައި އަވަހަށް އެ މަސައްކަތް ކުރެވޭނެ ގޮތަށް އެ މަސައްކަތްތައް ހަވާލުކުރެވޭތޯ މި ދަނީ ބަލަމުން." މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމުގައި މަސްވެރި ޒުވާނުން އެ މަސައްކަތާ ދުރަށް ގޮސް މަސްވެރި އުޅަނދުތައް ފަޅުގައި ބޭއްވި ސަރަހައްދެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އުތުރުގެ މަސްވެރިކަން އިޔާދަކުރުމަށް ރައީސްގެ ތަސައްވަރެއް އެބައޮތްކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ ޒަޢާމަތުގެ 5 އަހަރު ވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާނެ އެއް ސިނާއަތަށެވެ. އަދި އެސިނާއަތަކީ ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ ގިނަ ސިނާއަތަކަށް ހެއްދެވުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.