ކައުންސިލާއި ރައްޔިތުން އެދޭގޮތަށް މަކުނުދޫ އެއަރޕޯޓްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަންވޭ ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަކުނުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ހިންގެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަކުނުދޫއަކީ އެހެން ރަށްތަކާއި ދުރުގައި ވަކިން އޮންނަ ރަށެއްކަމުން، އެ ރަށުގައި ތިބެގެން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ޚިދުމަތްތައް ސަރުކާރުން ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވުމުގެ ކުރިން، ފަށާފައި އޮތް އެއަރޕޯޓު މަޝްރޫޢަކީ ރައްޔިތުން އެންމެ އެދޭގޮތަށް ޒަމާނީ ފެންވަރަށް ޕްލޭންކުރެވިފައިވާ ތަނެއް ނޫންކަން ކައުންސިލާއި ރައްޔިތުން ފާހަގަކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން 1500 މީޓަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައި އޮތް މަކުނުދޫ އެއަރޕޯޓުގެ ރަންވޭ 1800 މީޓަރަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ރައްޔިތުން އަދި ކައުންސިލުން އެދޭގޮތަކަށް ނޫން އެއަރޕޯޓު މަޝްރޫޢު ކުރިއަށްދަނީ. އެހެންވީމަ މިރަށުގެ އެއަރޕޯޓު 1800 މީޓަރުގެ ބޮޑު ރަންވޭއަކަށް ތަރައްޤީކުރުމަށް މަޝްރޫޢު ބަދަލުކުރައްވާނެކަން ހަމަ ދަންނަވާލަން ބޭނުން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއަރޕޯޓު ބޮޑުކުރުމަށް މަކުނުދޫގައި ބިން ހިއްކާއިރު ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ބޯހިޔަވަހިކަމަށް ޚާއްސަ ސަރަޙައްދުތައް އޭގެތެރޭގައި ހިމެނޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަކުނުދޫގައި ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތާއި ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުން ފާހަގަކުރި އެހެން ކަންކަންވެސް ކުރިއަށްގެންގޮސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.