ޚަބަރު

ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަޤީންކަން ދެން: ސަޢީދު


  • އިތުރު ޤައުމުތަކުން ކާބޯތަކެތި ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައި

  • އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް ވަނީ އުފައްދަވާފައި

  • ރައީސްގެ މިސްރާބު ހުރީ މުޅި ދުނިޔެއަށް ހުޅުވާލެވިފައި

މި ރަމަޟާން މަހު ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަން ޔަޤީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތި ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެކުވެރި އިތުރު ޤައުމުތަކުން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށެވެ.

އެގޮތުން މިހާރުވެސް ތުރުކީވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ ފުށުގެ ޝިޕްމަންޓް ފުރާފައިވާކަމަށާއި މުޅި އަހަރުގެ ކެއުމަށާއި ބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ކާބޯ ތަކެތީގެ %10 އިތުރަށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރަމަޟާންމަހު ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކަން ކަށަވަރުކުރުމަށް ރައީސްގެ އެދިވަޑައިގަތުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާއާއި އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް އުފައްދަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

" ތުރުކީވިލާތާއެކު އެކުލަވާލުމަށް ތައްޔާރުވަމުން އަންނަ ފްރީ ޓްރޭޑް އެގްރީމަންޓްގެ ދަށުން 35 ބާވަތެއްގެ މުދާ އެ ޤައުމުން އެތެރެކުރުމަށް ކަނޑައަޅާފައިވޭ. އެ އަދަދަށް އެ ޤައުމުންވެސް ލިސްޓެއް އެކުލަވާލާފައިވޭ. އަދި މިޞްރުންވެސް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ރާއްޖެއިން ވާނީ ލިޔެފައި. ރައީސްގެ މިސްރާބު ހުރީ މުޅި ދުނިޔެއަށް ހުޅުވާލެވިފައި." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މާލީ ކަންކަމުގައި ރާއްޖޭގެ މިސްރާބު ބައްޓަން ކުރާނެގޮތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހައްލު ހޯއްދެވުމަށް ޓްރޭޑް ޑެލިގޭޝަނެއް މެއި މަހުގެ 15 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވޮޝިންގޓަނަށްވެސް ވަޑައިގަންނަވާނެކަން ވަޒީރު ހާމަކުރެއްވިއެވެ.