މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވުމަށްފަހު ސަރުކާރުން ވަޢުދުވީގޮތަށް، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރައްވާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރ.ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 600 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. ނަމަވެސް މަސްވެރިންނަށްނަށް ދޭންޖެހޭ ފައިސާ ނުދީ ދިގުލައިގެން ދިޔައީ، މި ސަރުކާރު ހަވާޅުވިއިރު މިދިޔަ ސަރުކާރުގައި މަސްވެރިންނަށް ނުދީ އޮތް 230 މިލިއަނެއްހާ ރުފިޔާ އޮތުމުންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ރޯދަމަސް ފެށުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ އެއްކޮށް ދައްކާ ނިންމުންކަމަށެވެ. އަދި އެއަށްފަހު ސަރުކާރުން ވަޢުދުވެފައިވާގޮތަށް، މަސް ކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޭރު ނުދައްކާ އޮތް 230މިލިއަންގެ އިތުރުން އިތުރު 400 މިލިއަން މި ސަރުކާރުންވެސް ދައްކައިފިން. ޖުމްލަ 600 މިލިއަން. އަދިވެސް ޕެންޑިންގައި ދައްކަންޖެހޭ ފައިސާ އެބަހުރި. ޕެންޑިން ފައިސާ ރަމަޞާން މަހަށް ނިންމާނަން. އެއަށްފަހު ސަރުކާރުން ކަނޑައެޅިގޮތަށް، 48 ގަޑިއިރުތެރޭ ފައިދާ ދޫކުރެވޭނެ ގޮތް ހަމަޖައްސާނަން." ރައީސް ވިދާޅުވިއެވެ.
ދުވާފަރުގެ ރައްޔިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާނެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ. ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ރަށުގައި ފަށާ، ނުނިމު ހުއްޓިފައި ހުރި މަސައްކަތްތައް ނިންމުމަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުވާފަރުގައި މިހާރު އަޅަން ފަށާފައިވާ ސްކޫލް އަދި ކުޅިވަރު ފެސިލިޓީގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވިގޮތަށް ރަށުގައި ކުޅިވަރު އިތުރު ފެސިލިޓީތައް ތަރައްޤީކުރުމާއި ރަށުގައި ހިއްކާފައި އޮތް ބިމުގެ ފުރިހަމަ ނަފާ ލިބޭނެގޮތަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ.
"މިހާރު ހިއްކާފައި އޮތް ބިމުގައި ފެނާއި ނަރުދަމާއާއި ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތް އަވަސްކުރާނަން. އަދި އަދި ގެދޮރުވެރިކުމުގެ ޕްރޮޖެކްޓް ހިންގާނަން. މީގެއިތުރުން އުނގޫފާރުގައި ހޮސްޕިޓަލެއް ތަރައްޤީކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީއެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ދުވާފަރަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައްވެސް ޤާއިމުކޮށްދެއްވާނެކަމަށެވެ. އެގޮތުން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދުނުގޮތަށް ރަށުގައި އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގައި ތަޢުލީމީ ފުރުޞަތުތައް އިތުރުކޮށް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ...