އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދި އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4-5 އަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައެވެ. އޯއައިސީގެ މި ބައްދަލުވުމަކީ ސަޢުދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރަތުން ކުށްވެރިކޮށް، ސަޢުދީ ޢަރަބިއްޔާގައި ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ޤަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
އިސްރާއިލުގެ ޔަހޫދީ ދައުލަތުން ފަލަޞްތީނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މިގޮތުން، ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ރާއްޖެއިން ވަނީ ބަޔާނެއް ދީފައެވެ. ހަމަ އެއާއެކު، ފަލަސްޠީނުގައި އަމިއްލަ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާޢީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެކެވެ. ފަލަސްޠީނުގެ މައްސަަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެކެވެ.