ޢިމާރާތްތައް ހަދާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މަސައްކަތު މާޙައުލެއް ޤާއިމުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލެއް އެކުލަވާ ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އުޞޫލަށް ޚިޔާލާއި މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބިނާރާ ބެހޭ ވުޒާރާއިން ވަނީ މިއަދު ބާއްވާފައެވެ. އެ ވުޒާރާއިން ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުން އުޞޫލު އެކުލަވާލުމަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށެވެ.
މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބިނާރާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ފާޠިމަތު ޝައުފާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢިމާރާތްތައް ފަހިކުރުމަށް އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ފެށީ ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާ ގުޅިގެން ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ސިޔާސަތެއް ކަނޑައަޅާފައިވާކަމަށް ޝައުފާ ވިދާޅުވިއެވެ.
ޝައުފާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮފީހާއި ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްތައް ފަހިކުރުމަށް ޢިމާރާތްކުރާއިރު ޢަމަލުކުރަންޖެހޭނެ އުޞޫލުގެ ދެލި ކޮޕީ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވުޒާރާތަކުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތައް މި އުޞޫލަށް ޚިޔާލު ހުށައަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ޚިޔާލާއި މަޝްވަރާތަކަށް ބެލުމަށްފަހު މި އުޞޫލު ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ އުޞޫލެއް އެކުލަވާލުމުގެ ބޭނުމަކީ ވަޒީފާ އަދާކުރާ ހުރިހާ ތަނެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ކަމެއް ފުރިހަމަވާގޮތަށް ޢިމާރާތްތައް ބަދަލުވުން. އުޞޫލު ކަނޑައެޅުމާއެކު އެއައި އެއްގޮތަށް ޢިމާރާތްތައް ބަދަލުވާނެ. މިއަދު ކުރިއަށްދަނީ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް އުޞޫލަށް ޚިޔާލާއި މަޝްވަރާ ހޯދުން." ޝައުފާ ވިދާޅުވިއެވެ.
ޝައުފާ ވިދާޅުވީ، އުޞޫލު އެކުލަވާލުމާއެކު އަލަށް ޢިމާރާތްކުރާ އޮފީހާ ޚިދުމަތްދޭ ތަންތަން ޢިމާރާތްކުރާނީ އުޞޫލުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ގޮތަށް ކަމަށެވެ. އަދި މިހާރު ބިނާކޮށްފައިވާ ޢިމާރާތްތައްވެސް އުޞޫލާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކުރުމުގެ މަސައްކަތްކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބޭނެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމެވީ އެ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހުއެވެ.
މި ސިޔާސަތާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން އޮފީސްތަކާއި އިމާރާތްތަކަށް ވަދެ ނިކުމެވޭނެގޮތް ފަހިކޮށްދިނުމަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަން ޤަވާއިދަށްވެސް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.