ޚަބަރު

ޤަވާއިދާއި ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް މާދަމާ ނަގަން ފަށަނީ


  • އަމީނީ މަގާއި މަޖީދީމަގާއި ބޭރުމަގުގައި ހުރި ވެހިކަލްތައް ނަގާނެ

  • ޢާއްމު ޚިދުމަތްދޭ ތަންތަން ކައިރީގައި ހުންނަ އުޅަނދުތައްވެސް ނަގާނެ

  • ފުލުހުންގެ އިލްތިމާސަކީ ފުލުހުން ނެގުމުގެ ކުރިން އުޅަނދުތަކުގެ ވެރިފަރާތުން އުޅަނދުތައް ނެގުން

ޢާއްމު ދަތުރުފަތުރަށް ދަތިވާނެހެން މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މާދަމާއިން ފެށިގެން ނަގަން ފަށާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއީ ރަމަޟާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ތޮއްޖެހުން އިތުރުވެއެވެ. އެހެންނަމަވެސް މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މިމައްސަލަ އިތުރަށް ބޮޑުވާނެކަމަށް ފުލުހުން ލަފާކުރައްވައެވެ. މިގޮތުން ޢާއްމު ދަތުރުފަތުރުގެ ނިޒާމަށް ބުރުއަރާނެހެން މިހާރުވެސް މަގުމަތީގެ ދެފަރާތުގައި ޕާކުކުރާ މައްސަލަ އޮތްއިރު ރަމަޟާން މަހު ޓްރެފިކް އިތުރަށް ބާރު ބޮޑު މަހަކަށްވުމުން މިމައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ފުލުހުން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާލެ އޭރިއާގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވީ، ރަމަޟާން މަހު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވުން ކޮންޓްރޯލްކުރުމަށް ފުލުހުން ބައެއް ކަންކަން ތަންފީޒުކުރަމުންދާނެކަމަށެވެ. އެގޮތުން މާލޭގައި ޢާއްމުން ގިނައިން އެއްވެ އުޅޭ ސަރަޙައްދުތަކާއި، ޢާއްމު ޚިދުމަތްތައް ހޯދާ ތަންތަނާއި، ސްކޫލްތައް ހުންނަ ސަރަޙައްދުތަކާއި މާލޭގެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ ބޭރު މަގާއި، އަމީނީ މަގާއި މަޖީދީ މަގާއި ސޯސަން މަގު ފަދަ މަގުތަކުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނެކަމަށް ސަމީރު ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެންވާނީ ޢިއުލާނެއްކޮށް މިކަން ތަންފީޒުކުރަން ފަށާނެކަން އަންގާފައި. އިލްތިމާސަކީ މާދަމާ އުޅަނދުތައް ނަގަން ފެށުމުގެ ކުރިން އުޅަނދުތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުކަންދީ އުޅަނދުތައް އެފަދަ ސަރަޙައްދުތަކުން ގެންދިޔުން." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ރަމަޟާން މަހުގެ ކުރިއަށްވެސް މަގުމަތީގައި ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރައްވަމުންގެންދަވާކަމަށެވެ. މިގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށުން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކުރިއަށް އޮތް ރަމަޟާންމަހު މާލޭގެ މަގުތަކުގައި މުދާ އުފުލާ އުޅަނދުތައް ދުއްވޭނެ ގަޑިތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ރަސްމީ ދުވަސްތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ހެނދުނު 6:00 އިން 9:30އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 20:00އަށް ދުއްވުމަކީ މަނާކަމެކެވެ. އަދި ފަހު ދިހައިގެ ދުވަސްތަކުގައި ހެނދުނުގައި ތަކުގައި މުދާ އުފުލާ އުޅަނދުތައް ދުއްވޭނެކަމަށާއި އެދުވަސްތަކުގައި ހަވީރު، 16:30 އިން ރޭގަނޑު 20:00އަށް މުދާ އުފުލާ އުޅަނދުތައް ދުއްވުމަކީ މަނާކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބާރާޒު މަތީގައިވެސް ބައެއް ގަޑިތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ފުލުހުން ޕެޓްރޯލްކުރާނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި ނަމާދު ގަޑިތަކާއި ދިމާކޮށް މާލޭގެ 17 މިސްކިތެއްގެ ކައިރީގައި 4 ފުރޮޅުލީ އުޅަނދުތައް ނުދުއްވޭނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަން ދެއްވުމަށް ފުލުހުން ވަނީ ޢާއްމުންނާއި ވިޔަފާރިވެރިންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.