ޚަބަރު

ބައެއްކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދެނީ


  • ނުކުޅެދުންތެރިކަން ހުންނަ 9 ފަރާތަކުން އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާނެ

  • އެހެންފަރާތްތަކާއި އެފަރާތްތަކާ ތަފާތު ނުކުރާނެ ކަމަށް ކޮމިޝަނުން ވިދާޅުވޭ

އިންތިޚާބެއްގައި އޮފިޝަލުންގެ ގޮތުގައި އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހަރަކާތްތެރިވުމުގެ ފިރުސަތު ފުރަތަމަ ފަހަރަށް އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓުލާ މަރުކަޒުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާފައެވެ. އަދި މިފަރާތްތަކަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއްވެސްވަނީ ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ބޭއްވި ތަމްރީން ޕްރޮގްރާމްގައި އިންތިޚާބުގެ ޕްރޮސެސްއާއި ޤަވާއިދުތަކުގެ އިތުރުން ހަވާލުކުރެވޭ މަގާމުގެ މަސްއޫލިއްޔަތު ދަސްކޮށްދެއްވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ބައިވެރިވާ އެހެން އޮފިޝަލުންނާއި އެމީހުންނާއި ތަފާތު ނުކުރައްވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެފަރާތްތަކަށް ވޯޓުލާ މަރުކަޒުތަކުގައި އެކިއެކި މަސްއޫލިއްޔަތު ހަވާލު ކުރައްވާނެކަމަށެވެ. އެގޮތުން އިނގިލީގައި ފާހަގަޖެހުމާއި ކިއުނަމްބަރު ދޫކުރުމުގައިވެސް ހަރަކާތްތެރި ވާނެ ކަމަށެވެ.

މިއަހަރުގެ މަޖިލީސް އިންތިޚާބުގައި އަޑުއިވުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 9 މީހުން ބައިވެރި ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެހެން ފަރާތްތަކަށްވެސް ދެވޭ އުޖޫރަ އެފަރާތްތަކަށްވެސް ދެއްވާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީގެކުރިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓް ލަމުންދިޔައީ އެހެން މީހެއްގެ އެހީތެރިކަމާއެކުއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ ގޮތަށް ޓެމްޕްލޭޓެއް ތައްޔާރުކޮށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓް ލެވޭނެ ގޮތްވަނީ ހަމަޖައްސަވާފައެވެ.