ޚަބަރު

ފަސް ފަހަރަށް އޭޝިއަން ގޭމްސްގައި ދުވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ސާއިދަށް


  • ސާއިދު އެންމެ ފުރަތަމަ އޭޝިއަން ގޭމްސްގައި ބައިވެރިވީ 2010 ވަނަ އަހަރު

  • އޭނާ އަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ

ފަސް އޭޝިއަން ގޭމްސްގައި ދުވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފިއެވެ.

މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ބުރާސްފަތި ދުވަހު ވާދަކޮށްފައެވެ. މިއީ ސާއިދުގެ ދިގު ކެރިޔަރުގައި ވާދަކުރި ފަސްވަނަ އޭޝިއަން ގޭމްސްއެވެ.

ސާއިދު އެންމެ ފުރަތަމަ އޭޝިއަން ގޭމްސްގައި ވާދަކުރީ 2010 ވަނަ އަހަރުއެވެ. އެ ފަހަރު ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ސާއިދު ވާދަކުރިއިރު، 2014 ވަނަ އަހަރު ސައުތު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްއާ، 2018ގައި އިންޑޮނޭޝިއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ އިތުރުން 2023ގައި ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައިވެސް ސާއިދު ވަނީ ދުވެފައެވެ.

ޖަޕާނުގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން ސާއިދު ނިންމީ 10.85 ސިކުންތުންނެވެ. ސާއިދުގެ އިތުރުން އިބާދުﷲ ވެސް ވަނީ 100 މީޓަރު ދުވުމުގައި ބައިވެރިވެފައެވެ. އިބާދުﷲ ދުވުން ނިންމީ 11.06 ސިކުންތުންނެވެ.

މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ސާއިދުވަނީ ފަސްވަނަ އޭޝިއަން ގޭމްސްއަކީ އޭނާގެ ފަހު އޭޝިއަން ގޭމްސްއަށް ވެދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ސާއިދު ބުނީ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ފަސް ފަހަރު ވާދަކުރުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީއަކީ އެތައް ކަމެއް ގުރުބާންކޮށްގެން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން މީގެ ކުރިން ވަނީ މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމުން ބަލާނީ އަންނަ އަހަރުގެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާން ކަމަށެވެ.