ޚަބަރު

ރަށު ފަތުރުވެރިކަމުން ލިބޭ ޓެކްސް އާމްދަނީން ކައުންސިލްތަކަށް އިންސައްތައެއް ކަނޑައަޅަނީ


  • ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށް ވިދާޅުވި

  • ފަތުރުވެރިކަމާއި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށައަޅުއްވަން ގަސްތުކުރައްވާ ކަމަށްވެސް ވިދާޅުވި

ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި އިންސައްތައެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވ.ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއއްޔާ ވިދާޅުވީ ރަށްރަށުގައި ހިންގާ ސިނާޢީ މަސައްކަތުން ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާއިން، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ދެއްވާނެކަމަށެވެ. އަދި ފަތުރުވެރިކަން ކުރާ ރަށްތަކުން މީރާއަށް ދައްކަމުންދާ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭގޮތް ހޯއްދަވައިދެއްވާނެކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށައަޅުއްވަން އެމަނިކުފާނު ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ސަބަބުން ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވުން ކުޑަވެ، އަމިއްލަ އިސްނެގުމުގައި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ ފުރުޞަތާއި މާލީ ތަނަވަސްކަން ލިބޭނެކަމަށެވެ. އެގޮތުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދާއިރު، ރަށްރަށުގައި ކުނި މެނޭޖުކުރަންފަދަ ތިމާވެއްޓާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށްވެސް ފަސޭހަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރުކަމުގެ އިތުރުން، އެހެން ބޮޑެތި ސިނާޢަތްތަކުގެ މަންފާވެސް ކައުންސިލްތަކަށް ލިބޭނެ މަގު ފަހިކޮށްދެއްވުމުގެ ވިސްނުންފުޅު ހުރިކަމަށެވެ.

"ކައުންސިލްތަކަށް ސަރުކާރު ބަޖެޓުން ކުރާ ހޭދައަށް ލުއި ލިބޭނެ. އަދި ކައުންސިލްތަކާއި ސަރުކާރު ގުޅިގެން ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތައްވެސް އިތުރުކުރެވޭނެ. ޖުމްލަކޮށް ބޮޑެތި އިންޑަސްޓްރީތަކުގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން." ރައީސް ވިދާޅުވިއެވެ.

ކެޔޮދޫގެ ތަރައްޤީއަށް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ބިން ހިއްކައިދެއްވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުނި މެނޭޖުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގުމާއި، ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލަށް ކްލާސްރޫމް އިތުރުކޮށްދިނުމާއި، ރަށުގައި ކުޅިވަރު ފެސިލިޓީއެއް ޤާއިމުކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.