ޚަބަރު

ކައުންސިލް ބްލޮކް ގްރާންޓާ އަންހެނުންގެ ކޮމިޓީން ހަރަކާތް ހިންގާ ބަޖެޓު ބޮޑުކުރަނީ


  • ބްލޮކް ގްރާންޓް އިތުރުކޮށް ޓީޖީއެސްޓީގެ އިންސައްތައެއް ކަނޑައަޅާނެކަމަށް ވިދާޅުވި

  • އ.ތ.މ ކޮމިޓީން ހަމައެކަނި ހަރަކާތް ހިންގުމަށް ކައުންސިލް ބަޖެޓުން %5 ދޭނެ

  • ގުރައިދޫގައި 20 ކްލާސްރޫމްގެ އައު ސްކޫލެއް އަޅާނެކަމަށް ވިދާޅުވި

ކައުންސިލްތައް ހިންގުމަށް ސަރުކާރުން ދޫކުރައްވާ ބްލޮކް ގްރާންޓް އިތުރުކޮށްދެއްވާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހަރަކާތްތައް ހިންގާ ބަޖެޓު އިރުކޮށްދެެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ.ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށެވެ. ޚާއްސަގޮތެއްގައި މާލީ ބާރުވެރި މުއައްސަސާތަކަށް ހެދުމަށް ސަރުކާރުން ފޯރުކޮށްދެއްވެންހުރި އެންމެހާ އެހީތައް ދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭނުންވަނީ ކައުންސިލަށް ލިބޭ ފައިސާއިން، އާމްދަނީ އިތުރުކުރެވޭނެ މަސައްކަތްތައްކޮށް ރަށަށް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކައުންސިލްތައް މެދުވެރިކޮށް ކުރެވޭނެ ފުރުޞަތު ފަހިކޮށްދެއްވުމަށްކަމަށެވެ.

އެގޮތުން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތަށް، ސަރުކާރުން ދެއްވަމުން އަންނަ ބްލޮކް ގްރާންޓް ފައިސާ އިތުރުކުރައްވާ ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކައުންސިލްތަކުގެ ކަނޑައަޅާ ބަޖެޓުގެ %5 އަކީ، ކޮމިޓީގެ ހަރަކާތްތައް ހިންގަން ދޭ ބަޖެޓަކަށް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމިޓީއަށްދޭ މުސާރައާއި އެލަވަންސަކީ ކައުންސިލްގެ މުސާރައިގެ ތެރެއިން ދެވޭ އެއްޗެއްގެ ގޮތުގައި ހައްދަވާނެކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން، ލޯކަލް ޓޫރިޒަމް ސިނާޢަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ކައުންސިލްތަކަށް ވަކި އިންސައްތައެއް ކަނޑައެޅުއްވުމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ރަށްތަކުގެ ފުދުންތެރިކަން އިތުރުވާނެ. ބްލޮކް ގްރާންޓް އިތުރުކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހަރަކާތްތައް ހިންގުމަށް، ކައުންސިލް ބަޖެޓުގެ %5 ކަނޑައަޅާގޮތަށް ބަދަލުގެންނާނަން. މި އިސްލާހުތައް ގެނައުމަށް ޓެކުހުގެ ޤާނޫނު، ޓޫރިޒަމް އަދި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ގުރައިދޫގެ ތަރައްޤީއަށް ކޮށްދެއްވާނެ މަސައްކަތްތަކުގެ ތެރޭގައި ރައީސް ވިދާޅުވީ ގުރައިދޫގައި ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކަވައިދެއްވާ އެ ބިން ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރައްޔިތުން އެދުނު ބަދަލުތަކާއެކު، މިއަހަރުގެ ތެރޭގައި އެ މަޝްރޫޢު ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް މަދުވެގެން 20 ކްލާސްރޫމުގެ އައު ސްކޫލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. މީގެއިތުރުން ރަށުގެ ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރ ފެސިލިޓީއެއް އިމާރާތްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މުޅި ވިއުގަ ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.