ޚަބަރު

އާގުބޯޓަކަށް ޙޫޘީން ދިން ޙަމަލާއެއްގައި ތިން ފަޅުވެރިން މަރުވެއްޖެ


ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގުބޯޓަކަށް ދިން ޙަމަލާއެއްގައި އެ އުޅަނދުގެ ތިން ފަޅުވެރިން މަރުވެއްޖެއެވެ. މިއީ, ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް އޮކްޓޫބަރު މަހު ޙޫޘީން ޙަމަލާ ދޭން ފެށި ފަހުން, އުޅަނދެއްގެ ފަޅުވެރިންތަކެއް މަރުވި ފުރަތަމަ ފަހަރެވެ.

ޙޫޘީން މިސައިލް ޙަމަލާތަކެއް ދީފައި ވަނީ 'ޓްރޫ ކޮންފިޑެންސް' ކިޔާ އާގުބޯޓަކަށެވެ. އެއީ, ބާރބޭޑޯސްގެ ދިދަ ޖަހައިގެން ދަތުރު ކުރާ ގްރީސްގެ އުޅަނދެކެވެ. ޔަމަނުގެ ދެކުނު ފަރާތު އައްސޭރިފަށުން 50 ނޯޓިކަލް މޭލު ބޭރުން ޢަދަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަށް ޙޫޘީން ވަނީ ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. މި ހާދިސާގައި އުޅަނދުގައި އަލިފާން ރޯވިއެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން ބުނީ, އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ތެރެއިން 20 މީހުން ސަލާމަތް ކޮށްފައިވާ ކަމުގައެވެ. އަދި, ތިން މީހަކު މަރުވެފައިވާ ކަމުގައެވެ. ބޯޓުގައި ތިބި ފަޅުވެރިންނާއި, ބޯޓުގެ ރައްކާތެރި ކަން ބަލަހެއްޓުމުގައި ހަރަކާތްތެރިވި ތިން މީހަކު އިންޑިޔާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާ އެކު ޖިބޫޓީގެ ހަސްފަތާލަކަށް ގެންގޮސްފައިވާ ކަމުގައި އުޅަނދުގެ ވެރިފަރާތުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ފިލިޕީންސްގެ ދެ ފަޅުވެރިންނާއި, ވިއެޓްނާމްގެ ރައްޔިތެކެވެ. ޙޫޘީންގެ ޙަމަލާގައި ފިލިޕީންސްގެ އިތުރު ދެ ފަޅުވެރިއަކަށް އަނިޔާވި ކަމުގައި ބޯޓުގެ ވެރި ފަރާތުން ބުންޏެވެ. ވިއެޓްނާމުން ވަނީ, މި ހާދިސާގައި އެ ޤައުމުގެ ރައްޔިތަކު މަރުވުމާ ގުޅިގެން ޙޫޘީންގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. ބޯޓު އޮޔާދާ ކަމަށާއި, އެ އުޅަނދު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ބޯޓުގެ ވެރި ފަރާތުން ބުންޏެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޢުދުވާން ހިންގަން ފެށުމާ ގުޅިގެންނެވެ. އެއީ ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙޫޘީން ދެމުންދާ ޙަމަލާތަކެކެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރަށެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ ބޯޓުފަހަރާއި ޔަހޫދީންނާ ގުޅުން ހުރި ކުންްފުނިތަކުން އޮޕަރޭޓް ކުރާ ބޯޓުފަހަރު ހިމެނެއެވެ. ރަތް ކަނޑާއި ބާބް އަލްމަންދަބީގެ އިތުރުން ޢަދަން ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ތެދުވެފައެވެ.

އަދި, ޙޫޘީންގެ ޙަމަލާތަކަށް ނިމުމެއް ގެނައުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފަށާފައިވެއެވެ. ނަމަވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ޔަމަނަށް ބޮން އަޅަން ފެށުމުން ޙޫޘީން ވަނީ ރަތް ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުތަކަށް ނިސްބަތްވާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދޭން ފަށާފައެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ދެމުންދާ ޙަމަލާތަކުގައި ދާދި ފަހުން އާގުބޯޓެއް ވަނީ ފައްތައިލާފައެވެ. ރޫބީމާރުގެ ނަން ދީފައިވާ އެ އުޅަނދަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ, ބެލީޒްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ދުއްވާ އާގުބޯޓެކެވެ.