ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި، ވަޒަންވެރިންގެ ޢުދުވާންތައް ވަރުގަދަކޮށް، ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.
އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުން އޮންނަ އަޤްރަބާ އަވަށަށް އަންގާރަ ދުވަހުގެ ފަތިހު ޔަހޫދީ ސިފައިން ވަދެގަނެ، ޢާއިލާއެއް ދިރިއުޅެމުންދިޔަ ގެއެއް ވަށާލައި ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ އަބްދުލްކަރީމް ސުލައިމާން (28 އަހަރު) ވަނީ ޝަހީދުކޮށްލާފައެވެ. އަޤްރަބާގެ މޭޔަރު ޞަލާޙް އަބޫ ޝަހާދާ ވިދާޅުވި ގޮތުގައި، ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން އެ ގެއަށް ބޮންއަޅައި، ބޮޑު ބައެއް ބިމާ ހަމަކުރުމަށްފަހު، ސުލައިމާން ޝަހީދުކޮށްލައި އޭނާގެ ހަށިގަނޑު ވަނީ ގަދަކަމުން ގެންގޮސްފައެވެ.
މި ޢުދުވާނީ ޙަރަކާތުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ އެ ގޭގައި ތިބި ޢާއިލާގެ އެހެން މެންބަރުން މަޖުބޫރުން ބޭރުކޮށްފައެވެ. ނަމަވެސް އެ ގޭގެ ވެރިފަރާތް ކަމަށްވާ ސުލައިމާންގެ ބައްޕަ ގެއިން ނުކުތުމަށް ދެކޮޅުހެދުމުން، އިސްތިޢުމާރީ ސިފައިން ވަނީ އިތުރު ބާރުތައް ގެނެސް މުޅި ސަރަޙައްދު ބަންދުކޮށް، ދިން ވަރުގަދަ ޙަމަލާތަކުގައި ގޭގެ ބޮޑުބައެއް ސުންނާފަތިކޮށްލާފައެވެ. ގިނަ ވަގުތުތަކަކަށް ދެމިގެންދިޔަ މި ޙަމަލާތަކުގައި ބަޑީގެ އަޑާއި ބާރުގަދަ ގޮވުންތަކުގެ އަޑު މުޅި ސަރަޙައްދުގައި ގުގުމަމުންދިޔަ ކަމަށް އެ އަވަށުގެ ރައްޔިތުން ބުނެފައިވެއެވެ.
މީގެ އިތުރުން، އިރުމަތީ ޤުދުސްގެ އުތުރުގައި އޮންނަ ޝުޢަފާތު ރެފިއުޖީ ކޭމްޕް އަދި ކައިރީގައިވާ ޢަނާތާ އަވަށަށް، ޔަހޫދީ ސިފައިން އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތަކާއެކު ވަދެގަނެ، ތާޅަފިލި ބޭނުންކޮށްގެން ވަގުތުން ކާފިއު އިޢުލާނުކޮށްފައިވެއެވެ.
ހަމައެއާއެކު، ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތަކާއި ބިންތައް ފޭރުމުގެ ޢަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ރާމަﷲގެ އަވަށްތަކާއި، ޚަލީލް (ހެބްރޮން) އަދި ދެކުނުގައިވާ ވާދީ އަލް-ރަޚީމްގައި، މީގެ ކުރިން ނައްތާލި ވަޒަންވެރިންގެ ޖަގަހައެއް އަލުން ބިނާކޮށް، ފަލަސްޠީނު ރައްޔިތުންގެ ކާބަފައިންގެ ބިމުން އިތުރު ސަރަޙައްދުތައް ފޭރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ދައިރު ބައްލޫތު އަވަށުގައި ފަލަސްޠީނުގެ ބިންތައް ސާފުކޮށް ފޭރުމުގެ މަސައްކަތް ޖެހިޖެހިގެން 11 ވަނަ ދުވަހަށް ދަނީ ކުރިއަށެވެ.
މީގެ އިތުރުން ޚަލީލްގައި ފަލަސްޠީނުގެ އަންހެނެއްގެ އުޅަނދަކަށް ވަޒަންވެރިން ޙަމަލާދީ ގެއްލުން ދީފައިވެއެވެ. އަދި ޚިރްބަތު އިމްނެއިޒިލްއަށް ވަދެގަތް ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ގެއަކަށް ވަދެ، އެގޭގެ މުދާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ފަލަސްޠީނުގެ ވޯލް އެންޑް ކޮލޮނައިޒޭޝަން ރެސިސްޓަންސް ކޮމިޝަނުން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންގެ ފަރާތުން 3,488 އަށްވުރެ ގިނަ ޙަމަލާ ވަނީ ރެކޯޑުކުރެވިފައެވެ. އޮކްޓޫބަރު 2023 ގައި ޔަހޫދީން ޣައްޒާއާ ދެކޮޅަށް ފެށި ޤަތުލުޢާއްމަށްފަހު، ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންގެ އަސްކަރީ ޢުދުވާންތަކާއި ވަޒަންވެރިންގެ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.