ޚަބަރު

އާގުބޯޓަކާއި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙޫޘީންގެ ވަރުގަދަ ޙަމަލާތަކެއް


ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ 'ޕްރޮޕެލް ފޯރޗޫން'ގެ ނަން ކިޔާ އާގުބޯޓަކާއި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙޫޘީން ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ރަތް ކަނޑުން ދަތުުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމުންނެވެ. ޙޫޘީންގެ ބޭނުމަކީ, ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ.

ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ވިދާޅުވީ, ރަތް ކަނޑާއި ޢަދަން ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގުބޯޓަކާއި އެމެރިކާގެ އަސްކަރިއްޔާގެ 'ޑިސްޓްރޯޔަރ' މަރުކާގެ މަނަވަރުތަކަށް 37 ޑްރޯން ޙަމަލާ ދީފައިވާނެ ކަމުގައެވެ. ނަމަވެސް, އެމެެރިކާއާއި ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން ބުނީ ޙޫޘީންގެ ގިނަ ޑްރޯންތައް ދިފާޢުކޮށް, ވައްޓައިލާފައިވާނެ ކަމުގައެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި އިދާރާ ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, ޙޫޘީންގެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ 15 ޑްރޯން ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. ފަރަންސޭސިވިލާތުގެ މަނަވަރަކާއި އަސްކަރީ މަތިންދާބޯތުތަކުން ވެސް ވަނީ ހަތަރު ޑްރޯނެއް ވައްޓައިލާފައެވެ. މިއީ, ފަހުގެ ތާރީޚެއްގައި މިހާ ގިނަ ޢަދަދެއްގެ ޑްރޯން ބޭނުން ކޮށްގެން ޙޫޘީން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެެވެ.

ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން ބުނީ, އެ ޤައުމުން ދިފާޢުކޮށް ވައްޓައިލާފައި ވަނީ އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ 'ޓްރޫ ކޮންފިޑެންސް'ގެ ކިޔާ އުޅަނދަކަށް ޙަމަލާ ދިނުމަށް ޙޫޘީން ފޮނުވައިލި ޑްރޯންތަކެއް ކަމުގައެވެ. ބާރބޭޑޯސްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އެ އުޅަނދަށް ޙޫޘީން ކުރިން ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި އެ އުޅަނދުގެ ތިން ފަޅުވެރިން މަރުވިއެވެ.

ޙޫޘީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ޕްރޮޕެލް ފޯޗޫނަކީ ސިންގަޕޫރުގެ ދިދަ ޖަހައިގެން ދަތުރު ކުރާ އުޅަނދެކެވެ. އެ އުޅަނދަށް ޙޫޘީން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަން އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ (ޔޫކޭއެމްޓީއޯ)ން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, ޙަމަލާތަކުގައި ބޯޓަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި, އެއްވެސް ފަޅުވެރިއެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ޔޫކޭއެމްޓީއޯން ބުނެއެވެ.

މި ޙަމަލާތަކާ ގުޅިގެން ޙޫޘީންގެ ތަރުޖަމާނު ސަރީޢު ވިދާޅުވީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ދެން, ރަތް ކަނޑާއި ޢަދަން ކަނޑުގެ އިތުރުން ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުމުގައި އެ ޖަމާޢަތުން ދެމިއޮންނާނެ ކަމުގައެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރަށެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ ބޯޓުފަހަރާއި ޔަހޫދީންނާ ގުޅުން ހުރި ކުންްފުނިތަކުން އޮޕަރޭޓް ކުރާ ބޯޓުފަހަރު ހިމެނެއެވެ. ރަތް ކަނޑާއި ބާބް އަލްމަންދަބީގެ އިތުރުން ޢަދަން ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ތެދުވެފައެވެ.

އަދި, ޙޫޘީންގެ ޙަމަލާތަކަށް ނިމުމެއް ގެނައުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފަށާފައިވެއެވެ. ނަމަވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ޔަމަނަށް ބޮން އަޅަން ފެށުމުން ޙޫޘީން ވަނީ ރަތް ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުތަކަށް ނިސްބަތްވާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދޭން ފަށާފައެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ދެމުންދާ ޙަމަލާތަކުގައި ދާދި ފަހުން އާގުބޯޓެއް ވަނީ ފައްތައިލާފައެވެ. 'ރޫބީމާރު'ގެ ނަން ދީފައިވާ އެ އުޅަނދަށް ޙޫޘީން ޙަމަލާ ދީފައި ވަނީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ, ބެލީޒްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ދުއްވާ އާގުބޯޓެކެވެ.