ޚަބަރު

"އދގެ މުވައްޒަފުންނަށް ޔަހޫދީން ދަނީ ބިރު ދައްކަމުން"


އދގެ މުވައްޒަފުން ހައްޔަރުކޮށް, ޔަހޫދީ ސިފައިންނާއި ފުލުހުން އެ މީހުންނަށް ބިރު ދައްކަމުންދާ ކަމުގައި ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ, އެ އިދާރާގެ މުވައްޒަފުން ހައްޔަރުކޮށް, ބިރު ދައްކައި, އެ އިދާރާއާއި ޙަމާސް ޖަމާޢަތާ ގުޅުން އޮންނަ ކަމަށް މަޖުބޫރު ކޮށްގެން އެއްބަސް ކުރުވަމުންދާ ކަމުގައެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި ޔޫއެންއާރްޑަބްލިޔުއޭގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބުނެ, ޔަހޫދީން ދަނީ ދޮގު އިލްޒާމުތަކެއް އެ އިދާރާގެ ކޮނޑުގައި އަޅުވަމުންނެވެ. މިއީ, އެ އިދާރާގެ އަގުވައްޓައިލައި, އެ އިދާރާއަށް އެހީ ލިބުމަށް ހުރަސް އަޅައި, އެ އިދާރާގެ މަސައްކަތްތައް ހުއްޓުވަން ޔަހޫދީން ބޭނުން ކުރަމުންދާ ހީލަތްތެރި އުކުޅެކެވެ.

މިއީ ތެދެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް ޔަހޫދީ ފައުޖުން ޔޫއެންއާރްޑަބްލިޔުއޭގެ މުވައްޒަފުން ހައްުޔަރުކޮށް, އަނިޔާކޮށް, މަޖުބޫރުން ދޮގު ބަޔާންތަކަށް އެއްބަސް ކުރުވަމުންދާ ކަން އެ އިދާރާއިން ހާމަ ކޮށްފައި ވަނީ, އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައެވެ. އެ ރިޕޯޓާ އެކު ފަލަސްޠީނުގެ މުސްލިމުންނައި އެ އިދާރާގެ މުވައްޒަފުންނަށް ލާއިންސާނީ އަނިޔާތައް ކުރަމުންދާ ކަމުގެ ހެކިތައް ވެސް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހަޅާފައިވެއެވެ.

ޔޫއެންއާރްޑަބްލިޔުއޭގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރ ޖޫލިޔެތް ތޫމާ ވިދާޅުވީ, އެ ރިޕޯޓު އދއާއި އެ އިދާރާއިން ބޭރުގެ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާ ހިއްސާ ކުރާނެ ކަމުގައެވެ. "[ޔަހޫދީ ފައުޖުގެ ލާއިންސާނީ] ޢުދުވާންތައް ނިމުމަކަށް ގެނައުމުން, ފަލަސްޠީނުގެ ރައްޔިތުންނަށް ދީފައިވާ ލާއިންސާނީ އަނިޔާތައް ތަޙުޤީޤު ކުރެވޭނެ. ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެފައިވާ މައްސަލަތައް ބެލޭނެ،" ތޫމާ ވިދާޅުވިއެވެ.

ޔޫއެންއާރްޑަބްލިޔުއޭގެ ރިޕޯޓުގައި ހާމަ ކޮށްފައިވާ ގޮތުގައި, ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ މުސްލިމުން ހައްޔަރުކޮށް, ލާއިންސާނީ އަނިޔާތައް ދެމުންނެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ދިނުމާއި, 'ވޯޓަރބޯޑް' ކުރުން ފަދަ ލާއިންސާނީ އަނިޔާތަކުގެ އިތުރުން, އެ މީހުންގެ ޢާއިލާގެ މެންބަރުންނަށް އަނިޔާ ދޭނެ ކަމަށް ބުނެ ބިރު ދެއްކުން ހިމެނެއެވެ. އަދި, ވަލުކުއްތާ ފައު ކުރުމާއި ޖިންސީ އަނިޔާގެ އިތުރުން ޞިއްޙީ ފަރުވާއިން މަހުރޫމު ކުރުވުން ހިމެނެއެވެ.

"އެ ފަދަ އަނިޔާތައް މި އިދާރާގެ މުވައްޒަފުންނަށް ވެސް ޔަހޫދީން ދީފައިވޭ. އަދި, މަޖުބޫރު ކޮށްގެން, ދޮގު ބަޔާންތަކަށް އެއްބަސް ކުރުވާފައިވޭ. އޭގެ ތެރެއިން އެއް ކަމަކީ, ޙަމާސް ޖަމާޢަތާއި މި އިދާރާ ގުޅުން އޮންނަ ކަމަށް އެއްބަސް ކުރުވުން،" ތޫމާ ވިދާޅުވިއެވެ.

ޔޫއެންއާރްޑަބްލިޔުއޭގައި 13,000އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު, އެ އިދާރާއިން ދަނީ ޣައްޒާގައި މަދަރުސާތަކާއި, ޞިއްޙީ މަރުކަޒުތައް ހިންގުމުގެ އިތުރުން ފަލަސްޠީނުގެ މުސްލިމުންނަށް އިޖުތިމާޢީ އެހެން ޚިދުމަތްތައް ފޯރު ކޮށްދެމުންނެވެ. އޭގެ ތެރެއިން 3,000އެއްހާ މީހުން މިހާރު ވެސް ދަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. ޣައްޒާގައި މި ވަގުތު ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ ޢަދަދު 576,000އަށް އަރާ ކަމުގައި އދއިން ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,960އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 72,524އަށް އުފުލިފައެވެ.