ޚަބަރު

ރައީސް ދެއްވީ ރޯދަމަހު ކާބޯތަކެތީގެ އަގު ހެޔޮވާނެކަމުގެ ޔަޤީންކަން


  • އެސްޓީއޯއިން އަންނަނީ ރޯދައަށް ޚާއްޞަކޮށްގެން ބައެއް ތަކެތި އެތެރެކޮށް ވިއްކަމުން

  • އަގުހެޔޮކުރުމަށް އިތުރު މަސައްކަތްތައްވެސް ދަނީ ކުރައްވަމުން

  • އަގު ހެޔޮކުރުމަށް ޚައްޞަ ޕްލޭންތަކެއް ރާއްވަވާފައިވޭ

ރަމަޟާން މަހު ކާބޯތަކެތީގެ ބާވަތްތައް ހެޔޮ އަގެއްގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ޢާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް އުފުލިގެންދެއެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ ދުރާލާ އެސްޓީއޯ މެދުވެރިކޮށް އަސާސީ ބާވަތްތައް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހު ކާބޯތަކެތީގެ އަގު ހެޔޮކޮށްދިނުމަށް ޢާންމުންގެ މީހަކު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގަތުމުން، އެކަމަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގުތައް ހެޔޮ ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ބައެއް ތަކެތީގެ އަގު މިހާރު ހެޔޮކޮށްފައިވާކަމަށާއި، އިތުރު ބާވަތްތަކުގެ އަގުވެސް ހެޔޮކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ އެސްޓީއޯއިން، އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުތައް ހެޔޮކުރުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކަބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ދުރު ރާސްތާ ޕްލޭންތަކެއްވެސް ސަރުކާރުގައި އެބަހުރި ކަމަށެވެ.

"ކުރިއަށް އޮތް މުސްތަޤްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުން، އޭރު އަގުވެސް ދަށްވެގެންދާނެ، އަދި ކޮއަންޓިޓީވެސް ޔަޤީންވެގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރަމަޟާން މަހު އެންމެ ބޮޑަށް އަގު އުފުލިގެންދާ ބާވަތްތަކުގެ ތެރޭގައި އަސާސީ ކާބޯތަކެތި ހިމެނެއެވެ. އޭގެތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެސްޓީއޯއިން ދަނީ ރޯދަމަހަށް ހާއްސަކޮށްގެން އަސާސީ ކާބޯތަކެތި ރާއްޖެެއަށް އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަމުންނެވެ. މީގެއިތުރުންވެސް އަގު އުފުލޭކަން ފާހަގަކުރެވޭ ބާވަތްތައްވެސް ރާއްޖެއަށް އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކުމުގެ މަސައްކަތް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ.