އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ޢިމާރާތާއެކު ދައުލަތުގެ މާލީ ކަންކަމާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓަ ޖެނެރަލް މިހެން ވިދާޅުވީ، އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ޢިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އޮޑިޓް އޮފީހުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފްއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ވިދާޅުވީ، އޮޑިޓް އޮފީހަށް 75 އަހަރުވެގެންދިޔައިރު އެއޮފީހަށް ޚާއްސަ ޢިމާރާތެއް ނެތްކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ދައުލަތުގެ އެކި ޢިމާރާތްތަކުގައި އޮޑިޓް އޮފީސް ހިންގާފައިވާއިރު މިހާރު އެ އޮފީސް ހިންގަމުންދަނީ އަމިއްލަ ފަރާތެއްގެ ޢިމާރާތެއްގައިކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. މީގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުވާކަން ފާހަގަކުރައްވާ ނިޔާޒީ ވިދާޅުވީ އައު ޢިމާރާތާއެކު އެ ޚަރަދުވެސް ކުޑަކުރެވޭނެކަމަށެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އޮޑިޓް އޮފީހަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ހިއްސާކުރެއްވުމުން އައު ޢިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވިކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ފެންނަ ފަދައިން ރާއްޖެގޭ ޗާރޓަރޑް އެކައުންޓިންގއަށް ޚާއްސަ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ މަސައްކަތްތައް މިޢިމާރާތަށް ބަދަލުވެގެންދިޔުމަކީ ދާއިރާއަށް އިތުރުކުރިއެރުން ގެނައުމަށް މަގުފަހިވާނެކަމެއްކަމަށް ނިޔާޒީ ވިދާޅުވިއެވެ..
"މިއީ ދައުލަތުގެ އެކައުންޓިބިލިޓީއަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް، މިއީ ކޮންކްރީޓަށް ކުރެވޭ ޚަރަދެއް ނޫން. މިޢިމާރާތާއެކު ދައުލަތުގެ މާލީ ކަންކަން ހަރުދަނާވެ، އެކައުންޓެބިލިޓީ ވަރުގަދަވެގެންދާނެކަމެއް." ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީސް ޢިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު ޢިމާރާތާއި އިންވެގެންނެވެ. 138 މިލިއަން ރުފިޔާގެ މި މަޝްރޫޢު ޙަވާލުކުރައްވާފައިވަނީ 2 އަހަރުން ނިންމާގޮތަށް އެމްޓީސީސީއާއެވެ.