ޚަބަރު

ކޮމަންވެލްތަކީ ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ މުހިންމު ބައިވެރިއެއް: ރައީސް


  • ދުވަހުގެ ޝިޢާރަކީ "ވިލުންވެރި މުސްތަޤުބަލަކަށް: ކޮމަން ވެލްތް ބަދަލުކުރުން

  • ކޮމަންވެލްތަކީ 56 ޤައުމު ހިމެނޭ ޖަމުޢިއްޔާއެއް

ކޮމަންވެލްތަކީ ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަަމުންދާ 75 ވަނަ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖުގައެވެ.

ކޮމަންވެލްތަކީ 56 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ކޮމަންވެލްތުގެ ޗާޓަރުގައި ހިމެނިފައިވާ ޤައުމުތަކުގެ މެދުގައި ހުންނަ ޢާންމު އަގުތަކާއި އުޞޫލުތައް މިއަދު ފާހަގަކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތަކީ ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ކުރިއެރުމަށް އެއްބާރުލުން ފޯރުކޮށްދޭ މުހިންމު ޖަމުޢިއްޔާއެއްކަމަށެވެ. އަދި ކޮމަންވެލްތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމާއި މާލީ ވަޞީލަތްތައް ފަސޭހަކޮށްދިނުމާއި، ޖިންސީ ހަމަހަމަކަމާއި ވިޔަފާރި އިތުރުކުރުން ފަދަ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަކާލާތުކުރާ ޖަމުޢިއްޔާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު ކަމަށްވާ "ވިލުންވެރި މުސްތަޤުބަލަކަށް: ކޮމަންވެލްތު ބަދަލުކުރުން" މި ޝިޢާރަށް ރާއްޖެއިން ތާއީދުކުރާ ކަމަށްވެސް ރައީސް ވިދާޅުވިިއެވެ.

ރައީސް ވަނީ މިއަދު 75 ވަނަ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު، މިހާތަނަށް ކޮމަންވެލްތުގެ ޤައުމުތައް ގުޅިގެން ހޯދާފައިވާ ކުރިއެރުންތަކުގެ ހަނދާންތައް އައުކުރައްވާފައެވެ. އަދި ޤައުމުތައް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކަށް ދެމެހެއްޓެނެވި ތަރައްޤީއަކާ ހަމައަށް ވާޞިލްވެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުތަކުގެ ނާޒުކު ސިފަތަކުން އަރައިގަތުމަށާއި ޤައުމުތައް ގުޅިގެން ކުރަން ބޭނުންވާ ކަންކަން ޙާސިލްކުރުމަށް މަގުފަހިކޮށްދިނީ ގުޅިގެންކުރާ މަސައްކަތުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤައުމުތައް ގުޅިގެންކުރާ މަސައްކަތުން ވަރަށް ބޮޑު ފައިދާއެއް ލިބޭކަމަށެވެ.

ރައީސް ވަނީ މިއަހަރުގެ ފަހުކޮޅު ކޮމަންވެލްތުގެ ލީޑަރުން ބައްދަލުކުރައްވާއިރު، ދިމާވާ އެކި މައްސަލަތައް ހައްލުކޮށް ހުރަސްތަކުން އަރައިގަތުމަށް އެ ޖަމުއިއްޔާއިންދޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ދިމާވާ ޢާންމު މައްސަލަތައް ހައްލުކުރުމަށް އައު ގޮތްތައް ހޯދުމުގައި ކޮމަންވެލްތުގެ ޤައުމުތަކާއެކު ފުރިހަމަ އެއްބާރުލުންދީގެން ރާއްޖެއިން މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.