ޚަބަރު

މަތިންދާބޯޓެއް "ވައިގެ ތެރޭގައި ވެއްޓި" 50 މީހަކަށް އަނިޔާވެއްޖެ


ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއް ކުއްލި ގޮތަކަށް "ވައިގެ ތެރޭގައި ވެއްޓުމާ" ގުޅިގެން އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން 50 މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާ ކުރިމަތިވެފައި ވަނީ އޮސްޓްރޭލިޔާގެ ސިޑްނީން ފުރައިގެން ނިއު ޒިލެންޑުގެ އޮކްލެންޑަށް ދަތުރު ކުރަމުންދިޔަ ލެޓިމް އެއަރލައިންސްގެ މަތިންދާބޯޓަކަށެވެ. އެއީ, ބޯއިންގ 787 މަރުކާގެ މަތިންދާބޯޓެކެވެ.

ލެޓިމް އެއަރލައިނަކީ ދެކުނު އެމެރިކާގެ ޤައުމުތަކަށް ނިސްބަތްވާ އެއަރލައިނެކެވެ. އެ އެއަރލައިނުން ބުނީ, މި ހާދިސާ ހިނގާފައި ވަނީ ސިޑްނީން ފުރައިގެން އޮކްލެންޑަށް ކުރި ދަތުރުގެ މެދުތެރެއިން ކަމުގައެވެ. އަދި, ކުއްލި ގޮތަކަށް ބޯޓަށް ލޮޅުންތަކެއް އަރައި, ވައިގެ ތެރޭގައި ބޯޓު ވެއްޓިގެން ދިޔަ ކަމުގައެވެ. މި ހާދިސާއާ ގުޅިގެން 50 މީހަކަށް އަނިޔާވިއިރު, އޭގެ ތެރެއިން 10 ފަސިންޖަރުންނާއި ތިން ފަޅުވެރިންނަށް ސީރިޔަސް އަނިޔާތަކެއް ލިބި, ހަސްފަތާލުގައި ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އެ އެއަރލައިނުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 263 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރެއިން އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިޔަސް ކަމުގައި, އެ މީހުންނަށް ފަރުވާދީފައިވާ ހާޓޯ ހޯން ސެއިންޓް ޖޯން ހަސްފަލާތުން ބުންޏެވެ.

"އެއްވެސް އިންޒާރަކާ ނުލައި މަތިންދާބޯޓު ވެއްޓުނީ. މީގެ ކުރިން ދުވަހަކު ވެސް އިހުސާސް ކުރެވުނު ކަމެއް ނޫން މިއީ. ޢާންމުކޮށް ކުރިމަތިވާ ކުދިކުދި ލޮޅުންތަކާ ތަފާތު. އެ ވަގުތު ސީޓް ބެލްޓު ނާޅައި ތިބި ފަސިންޖަރުން ވިއްސައިގެން ދިޔަ. ބަޔެއް މީހުން ވިއްސައިގެން ގޮސް ބޯޓުގެ ސީލިންގގައި ވެސް ޖެހުނު،" ބޯޓުގެ ފަސިންޖަރަކު ނޫހަކަށް މަޢުލޫމާތު ދެމުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް, ބޯޓުގައި އެ ވަގުތު ދަތުރު ކުރަމުން ދިޔަ ފަސިންޖަރުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރުން ޞިއްޙީ ފަރުވާ ފޯރު ކޮށްދީފައިވާ ކަމުގައި ބައެއް ފަސިންޖަރުން ބުންޏެވެ. މިއީ, ވަރަށް މަދުން ހިނގާ ފަދަ ހާދިސާއެއް ނަމަވެސް, މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމުގައި މާހިރުން ބުނެއެވެ.

މި ފަދަ އެހެން ހާދިސާއެއް 2008 ވަނަ އަހަރު ވެސް ހިނގާފައިވެއެވެ. އެ ހާދިސާ ކުރިމަތިވެފައި ވަނީ އެއަރބަސް 330 މަރުކާގެ މަތިންދާބޯޓަކަށެވެ. އެ ހާދިސާގައި ވެސް ގިނަ ޢަދަދެއްގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް އަނިޔާވިއެވެ. ކުއާންޓަސް އެއަރވޭޒްގެ އެ މަތިންދާބޯޓު ކުއްލި ގޮތަކަށް ވައިގެ ތެރޭގައި ވެއްޓިފައި ވަނީ އޮސްޓްރޭލިޔާގެ ޕަރތަށް ދަތުރު ކުރި މަގުމަތީގައެވެ.

ބޯއިންގުން ބުނީ, ލެޓިމް އެއަރލައިނަށް މެދުވެރިވި ހާދިސާގެ މަޢުލޫމާތު އެއްކޮށް, ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. އަދި, އެ އެއަރލައިނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. މި ފަދަ ހާދިސާތައް ތަޙުޤީޤު ކުރާ އެމެރިކާގެ ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އަދި ނޭޝަނަލް ސޭފްޓީ ބޯޑުން, ލެޓިމް އެއަރލައިންސްގެ މަތިންދާބޯޓަށް ދިމާވި ހާދިސާއާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.