ޚަބަރު

މިދިޔަ 2 މަހު އެންމެ ގިނައިން އީފާސް ބޭނުންކުރީ ވަރކް ޕާމިޓްގެ ޚިދުމަތް ހޯދުމަށް


  • އެކްސްޕެޓް ޕޯޓަލްއަށް 97 ހާސް މީހުން ޒިޔާރަތްކޮށްފައިވޭ

  • ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ އެމްއައިބީގެ ޕޯޓަލްއަށް

  • މިހާތަނަށް 213.4 ލައްކަ މީހުން ވަނީ އީފާސްގައި ރަޖިސްޓްރީވެފައި

ދައުލަތުގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު އީފާސް މިދިޔަ 2 މަހު އެންމެ ގިނަ މީހުން ބޭނުންކުރީ އެކްސްޕެޓް ޕޯޓަލްގެ ޚިދުމަތަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކްސްޕެޓްގެ ޚިދުމަތަކީ ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ ހުއްދަ ނުވަތަ ވާރކް ޕާމިޓަށް އެދުމުގެ ޚިދުމަތެވެ. އީފާސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 2 މަހު މި ޚިދުމަތް ހޯދުމަށް 97 ހާސް މީހުން އެކްސްޕެޓް ޕޯޓަލްއަށް ޒިޔާރަތްކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ އަނެއް ޕޯޓަލްއަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޕޯޓަލެވެ. މި ޕޯޓަލްއަށް 73 ހާސް މީހުން ޒިޔާރަތްކޮށްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޚިދުމަތް ހޯދުމަށް އީސީގެ ޕޯޓަލްއަށް 43 ހާސް މީހުން ޒިޔާރަތްކޮށްފައިވާއިރު ބިޒްނަސް ޕޯޓަލްގެ ޚިދުމަތް ހޯދުމަށް 51 ހާސް މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ދެ މަހު އަލަށް 7440 މީހުން އީފާސްގައި ރަޖިސްޓްރީވެފައިވެއެވެ. އަދި އީފާސްގެ ޚިދުމަތް ހޯދުމަށް 839،979 ފަހަރު ލޮގިންވެފައިވެއެވެ.

އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އީފާސްގެ މޯބައިލް އެޕް ބޭނުންކުރާ މީހުންގެ އަދަދު ވަނީ 123000 ވުރެ އިތުރުވެފައެވެ. އަދި މިހާތަނަށް 213000 ވުރެ ގިނަ މީހުން ވަނީ އީފާސްގައި ރަޖިސްޓްރީވެފައެވެ. އީފާސް އައިޑީ ބޭނުންކޮށްގެން މިހާތަނަށް 114 ޕޯޓަލަކުން ޚިދުމަތް ހޯދޭނެއެވެ.